ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް ސިއްޙީ ފުރަތަމަ އެހީގެ ތަމްރީނު ޕްރޮގްރާމެއް


  • ފުރަތަމަ ބުރުގައި 23 ބައިވެރިން ބައިވެރިވި

  • ފުރަތަމަ ފިޔަވަހީގައި 130 މީހުން ތަމްރީނުކުރާނެ

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީނު ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ. މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 23 ބައިވެރިން ބައިވެރިވެއެވެ.

މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާ މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 130 މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މީގެތެރެއިން ހޮވާލެވޭ ބައިވެރިންނަށް އިތުރު ތަމްރީންދީ ފުރަތަމަ އެހީ ޕްރޮގްރާމް ހިންގާނެ ޓްރެއިނަރުންގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، މި ޕްރޮގްރާމްގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ސިއްހީ ފުރަތަމަ އެހީ ދިނުމަށާއި ސީޕީއާރު ދިނުމަށް ތަމްރީން ކުރުމުން ދިވެހި ރާއްޖޭއަކީ ފަތުރުވެރިންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. އެގޮތުން ސިއްހީ ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްވެ ފަރުވާ ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުރު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީންދޭނީ ދިވެހި ރެޑް ކްރެސެންޓްގެ ފަންނީ ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއިއެކު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ފަތުރުވެރިކަމުގެ ދައީރާއާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ގިނަ ސިޔާސަތުތަކެއް އެކަށައަޅަމުންދާކަމަށް ވަނީ ބުނެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތައް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން ފަތުރުވެރިންގެ ކަންކަމުގައި އިތުރަށް ސަމާލުވެ، ފަރުވާތެރިވުމަށްވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.