ޚަބަރު

ގްރީން ޓެކުހުގެ ގޮތުގައި 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ


  • ގްރީން ޓެކުހުގެގޮތުގައި 585 މިލިޔަން ރުފިޔާވަނީ ލިބިފައި

  • މިދިޔަ އަހަރު ލިބިފައިވަނީ 407 މިލިޔަން ރުފިޔާ

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މާރިޗުމަހު 26 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެގޮތުގައި ދައުލަތަށް 585 މިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެގޮތުގައި ލިބުނު 407 މިލިޔަން ރުފިޔާއާއަޅާ ބަލާއިރު، %43 އިތުރު އަދަދެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.