ތައިލޭންޑްގައި ކުރިއަށްދާ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ސީނިއާ ކުރިކެޓާސް ކުލަބް (އެސްސީސީ)އިން ސެމީ ފައިނަލުގައި އެންމެފަހުގެ ޗެންޕިއަން ދަރްޖީލިންގއާއި ވާދަކޮށް ބަލިވެއްޖެއެވެ.
ރާއްޖޭގެ އެސްސީސީއިން ސެމީ ފައިނަލުގައި މިމުބާރާތުގެ އެންމެފަހުގެ ޗެންޕިއަން ދަރްޖީލިންގއާއި ވާދަކުރި މެޗު ރާއްޖެއަށް ނާކާމިޔާބުވެފައިވަނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ.
މިމެޗުގައި ރާއްޖެއަށް ހެދިފައިވަނީ 5 އޯވަރުގެތެރޭގައި 50 ލަނޑެވެ. އަދި އިދިކޮޅުން ނުކުތް ދަރްޖީލިންގވަނީ 5 އޯވަރުތެރޭ 5 ވިކެޓަށް 51 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ރާއްޖެއިން އެންމެ މޮޅަށް ކުޅެފައިވަނީ 26 ލަނޑު ހެދި މޫސާ ކަލީމްއެވެ. އަދި ދަރްޖީލިންގ އިން އެންމެ މޮޅަށް ކުޅެފައިވަނީ 34 ލަނޑު ހެދި ސަނީ ރޮޝާއެވެ.
ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ މޫސާ ކަލީމް، އަހްމަދު އަފްޒަލް ފާއިޒް، އަހްމަދު ނީޝަމް ނާސިރް، އަލީ އާޒިމް، އާރިފް ރިޒާ، އިބްރާހިމް ރިޔާޒް، މުހަންމަދު ސައީދު، ޝާހިދު މުހަންމަދުގެ އިތުރުން އަހްމަދު ކަލީމްއެވެ.
މިމުބާރާތުގައި ރާއްޖެއިން ވާދަކުރި ފަސް މެޗުގެ ތެރެއިން ތިން މެޗުވަނީ ކާމިޔާބުކޮށް މޮޅު ކުޅުމެއްދައްކާފައެވެ. ޗަންގމާއި ސިކްސެސް މުބާރާތުގައި ރާއްޖެއިން ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މިޓީމަކީ ބައިނަލްއަޤުވާމީ މިފަދަ މުބާރާތްތަކުގައި މީގެ ކުރިންވެސް ވާދަކޮށްފައިވާ ޓީމެކެވެ.
އެގޮތުން 2024 އަދި 2025 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ހުއާ ހިން ސިކްސެސް ވެޓެރެންސް ޑިވިޝަނުގެ ޗެންޕިއަންކަން ހޯދާ މުބާރާތުގެ ތަށި އުފުލާލުން ފާހަގަކޮށްލެވެއެވެ.