ޚަބަރު

ސާޖަންޓު އާދަމް ޙަލީމްގެ ޤާޠިލު، ސަމާޙު މެރުމަށް ޙުކުމްކޮށްފި


  • ވާރިސުންގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވޭ

  • މަރުގެ ބަދަލުގައި ޤިޞާޞް ހިފަން ބޭނުންވާ ކަމަށް ބުނި

ސާޖަންޓު އާދަމް ޙަލީމްގެ ޤާޠިލު، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހުން ވިދާޅުވީ 23 ޖުލައި 2012 ވަނަ ދުވަހު، ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް 29 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި މިމަހުގެ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސާޖަންޓު އާދަމް ޙަލީމްގެ ވާރިސުންގެ ހެކިބަސްނެގުން ކުރިއަށް ގެންގޮސްފައިވެއެވެ. ސާޖަންޓު އާދަމް ޙަލީމްގެ ވާރިސުންގެ ގޮތުގައި ތިބީ ބައްޕައާއި، މަންމައާއި، އަނބިމީހާއާއި، ދަރިއެކެވެ. އެ މީހުންގެ ތެރެއިން ސާޖަންޓު އާދަމް ޙަލީމްގެ ބައްޕައާއި، މަންމައާއި، އަނބިމީހާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދެމުން، ސާޖަންޓު އާދަމް ޙަލީމްގެ މަރުގެ ބަދަލުގައި ޤިޞާޞް ހިފަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 3) ގެ 88 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ސާޖަންޓު އާދަމް ޙަލީމްގެ ޤާޠިލު، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައިވެއެވެ.

މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 29 ޖުލައި 2012 ގައެވެ. އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 2013 ޖަނަވަރީ 14 ވަނަ ދުވަހު، މުޙައްމަދު ސަމާޙު މެރުމަށް އެކޯޓުން ޙުކުމްކޮށްފައިވެއެވެ. އަދި އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެކޯޓުން ނިންމާފައިވެއެވެ. އެ ނިންމުން ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލު ކުރުމަށް 23 ސެޕްޓެންބަރު 2024 ގައި ނިންމާފައެވެ. މިމަހުގެ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް ކުރީ، ތަޙްވީލު ކުރުމާ ގުޅިގެން މައްސަލަ އަލުން ބެލުމަށް ފަހުގައެވެ.

ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޛު ކުރުމުގެ ކުރިން، ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދެވޭނެއެވެ.