ނިމުނު ހަފުތާ ފާހަގަވެގެން ދިޔައީ ރާއްޖޭގެ މާލީ ދާއިރާއާއި އުމްރާނީ ތަރައްޤީގެ ދާއިރާއިން ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ހާސިލުކުރެވުނު ހަފުތާއެއްގެ ގޮތުގައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކުރުމެވެ.
މީގެ އިތުރުން މާރިޗު 26ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 10.2 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އަދި މިއަހަރުގެ މިހާތަނަށް ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް 400 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ވަނީ ދައްކާފައެވެ.
ހަމައެހެންމެ ހަނގުރާމައިގެ ހާލަތާއި ގުޅިގެން އެއްވެސް ދަތިކަމެއް ނެތި އަސާސީ މުދާ ލިބޭނެކަމުގެ ޔަޤީންކަން އޮތްކަން ސަރުކާރުން ހާމަކޮށްފައިވަނީކޮށް، އަސާސީ ބައެއް ކާބޯތަކެއްޗާއި ހިލައާއި ހިލަވެލި ރާއްޖެއަށް އާއްމުކޮށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް މިއަހަރު އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމިކަން މިހަފްތާގައ ވަނީ ހާމަކޮށްފައެވެ. އަދި ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުތައް ވަނީ ފަށާފައެވެ.
ބޯހިޔާވަހިކަމާއި ތަރައްޤީގެ ދާއިރާއަށް ބަލާއިރު، ނިމުނު ހަފުތާހައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ބައްލަވާލަވާލައްވާފައެވެ. މިޔާއެކު ސަރުކާރުން ވަނީ 3 ހަފުތާގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ހަވާލުކުރަން ފަށާނެކަން ހާމަކުރައްވާފައެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ނިމުނު ހަފްތާ ފާހަގަވަނީ ބީއެމްއެލްއިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފެށި ހަފްތާއެއްގެ ގޮތުގައެވެ. އެގޮތުން ހުޅުމާލެ ފޭސް 1ގައި 182 ހައުސިންގ ޔުނިޓު، ފޭސް 2ގައި 1190 ހައުސިންގ ޔުނިޓު، ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިންގ ޔުނިޓުގެ އިތުރުން އެފޯޑަބަލް ހައުސިންގގެ އިތުރު 364 ޔުނިޓުގެ ބިންގާ ވަނީ އަޅުއްވާފައެވެ. މީގެ އިތުރުން އެޗްޑީސީން ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ ވަނީ އަޅާފައެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބިން ހިއްކާ ނިންމިކަންވެސް ސަރުކާރުން ހާމަކުރައްވާފައެވެ.
ނިމުނު ހަފުތާގައި ސަރުކާރުން ވަނީ މުހިންމު މަޝްރޫޢުތަކެއް ފައްޓަވައި، ރައްޔިތުންނާ ގުޅުންހުރި މުހިންމު ޚިދުމަތްތަކެއްވެސް އިފުތިތާޙުކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގެ ބިންގާއެޅުމާއި، ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރަން ފެށުމުގެ އިތުރުން ހުޅުމާލޭ ގްރޭންޑް މިސްކިތަށް ޚަރަދުކުރުމުގެ އެއްބަސްވުުގައި މަދީނާގެ ރާޖިޙީ ކުންފުންނާއެކު ސަރުކާރުން ވަނީ ސޮޮއިކޮށްފައެވެ.
އަލަށް ފެށި ޚިދުމަތްތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވަނީ ޚާއްސަ ރަސްމިއްޔާތެއްގައި އިފުތިތާޙުކޮށްފައެވެ. އިމަރޖެންސީ ނޫން ހާލަތްތަކުގައިވެސް އެމްބިއުލާންސްގެ ޚިދުމަތްދޭން ފެށުމާއި، ބީއެމްއެލް ބްރާންޗު އަދި އޭޓީއެމް ވިއުގަ ފުޅާކުރުމުގެ އިތުރުން އުސްފަސްގަނޑުގެ ސްކޭޓް ޕާރކް އެރީނާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށާފައިވާއިުރު، ހުޅުމީދޫ މަސް ޕްރޮސެސިން ފެސިލިޓީވެސް ވަނީ މިހަފުތާގައި ހުޅުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިމުނު ހަފުތާގައި ހުވަދުއަތޮޅު ދެކުނު ބުރީގެ ބައެއް ރަށްރަށަށް ވަޑައިގެން އެއަތޮޅު މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު، ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަސައްކަތާއި، ބިން ހިއްކުމާއި، ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ.
ސިޔާސީ ދާއިރާއަށް ބަލާއިރު، އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަމެއް ނޫންކަން ހާމަކުރައްވައި، އެސްޕްރެސޯ ވިތު ރައީސް" ގައި ޒުވާނުންނާ މުޚާޠިބުކުރައްވައި ރައީސް ވަނީ ޒުވާނުންނާއި އަންހެނުންނަށްވެސް މަޖިލީހުގެ %10 ޚާއްޞަކުރަން ބޭޏުންވާކަން ހާމަކުރައްވާފައެވެ. އަދި އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން ޕާޓީތަކަށް މަޖިލީހުގައި ހަމަހަމަ ފުރުޞަތު ބޮޑުވާނެކަމާއި 2 އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ސުޕަރ މެޖޯރިޓީ ނިޒާމު ނައްތާލެވޭނެކަން ފާހަގަކުރައްވައި، ރައީސް ވަނީ
މަޖިލިސް މެންބަރުންނާއި ކައުންސިލަރުންނަށްވެސް އިތުބާރުނެތްކަމުގެ ވޯޓު ނަގަން ޤާނޫނަށް އިސްލާހު ގެންނަވާނެކަން ވާނީ ހާމަކުރައްވާފައެވެ.
މާދަމާ ރާއްޖޭގައި މުހިންމު އިންތިޚާބުތަކެއް ބާއްވާއިރު، ޚާއްސަކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާއި ގުޅިގެން ތަފާތު ފޯރަމްތަކެއް ބޭއްވި، އިންތިޚާބުތަކުގެ އިސްލާހުން ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް ނާންނާނެކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ. އަދި މާދަމާ ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ މިހަފްތާގައި ޙުކުމް ކުރައްވާފައެވެ. ކޮންމެއަކަށް އިންތިޚާބުތަކަށް އެލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައިވާކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން ވޯޓުފޮށިތައް އަތޮޅުތަކަށް ފޮނުވާފައިވާއިރު، އިންތިޚާބުތަކަށް 888,845 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.
އިންތިޚާބުގެ އޮޕަރޭޝަނާއެކު ފުލުހުންގެ ސްޓޭޓަސް ލެވެލް 2އަށް ވަނީ ބަދަލުކޮށްފައެވެ.
ތައުލީމީ ދާއިރާއިން ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ރައީސްގެ ސްކޮލަރޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކުރުމާއި، ރާއްޖޭގައި ކިޔެވުމަށް ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއްދޭން ނިންމުން ފާހަގަކުރެވެއެވެ. އަދި ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ލިމިޓެއް ނެތި ލޯނަށް އެދެވޭގޮތަށް ސަރުކާރުން ހަދާފައިވާއިރު، ތެރަޕީގެ ފަރުވާތަކަށް ތަމްރީންކުރުމުގެ 250 ސްކޮލަރޝިޕަށް ވަނީ މިހާރު ހުޅުވާލާފައެވެ. މީގެ އިތުރުން އައްޑޫގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވުމާއި އިސްރަށްވެހިންގެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމަށް ސިމްޕޯސިއަމެއް ބޭއްވުން ހިމެނެއެވެ.
ރަށްރަށުގެ ސިއްޙީ ދާއިރާއަށް ބަލާއިރު، ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތްފަށާއި، އައު ޑައިލިސިސް ސެންޓަރާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމު ވަނީ ހުޅުވާފައެވެ. އެދެތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ޞިއްޙީ ވަޒީރު ވަނީ އިތުރުގެ ބައެއް އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގައި ނިމިފައިވާ ޞިއްޙީ ޚިދުމަތްތައް ފައްޓަވާދެއްވާފައެވެ. އެގޮތުން، ތުރާކުނު ޞިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވުމާއި، މާރަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި ހއ. ވަށަފަރުގައި އުތީމުގައި ލެބޯޓަރީގެ ޚިދުމަތް ވަނީ ފަށާފައެވެ.
ށ. އަތޮޅު މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފައްޓަވައިދެއްވައި ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލަސިސްގެ ޚިދުމަތް ނިމުނު ހަފްތާގައި ވަނީ ފަށާގައެވެ. އަދި ރ. ވާދޫ އާއި މާކުރަތުގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްވަނީ ފައްޓާވާފައެވެ.