ޚަބަރު

ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް ކުޅުދުއްފުއްޓަށް އުފުލަން ޚާއްޞަ ފެރީއެއް


  • މި ފެރީ ކޮންމެ ހޮނިހިރު ދުވަހަކު ދަތުރުކުރާނެ

  • ރަށުގެ އިޤްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުއްޓާއި ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް ހަމަޖައްސައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުއްދެވުމަށްޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިހާރު ދަނީ މިމަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދޫއާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، އޭޕްރީލް 3 ވަނަ ދުވަހު ވަނީ ހަމަޖައްސާފައެވެ. އަދި އެ ފަރާތާއި ރަސްމީކޮށް ވަނީ މަސައްކަތް ޙަވާލުކޮށްފައެވެ.

މި ޚާއްޞަ ފެރީގެ ނިޒާމު ޤާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ، އެ ރަށުގެ އިޤްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން ވެސް، ދިވެހިރާއްޖޭގެ ހުރިހާ ދަނޑުވެރިން ހައްދާ ތަކެއްޗަށް އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި، މާރުކޭޓުތަކާ ގުޅުވައިދިނުމަށް އިތުރު ގޮތްތައް ހޯދައިދިނުމަށް އެވުޒާރާއިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ދަނޑުވެރިން އުފައްދާ ތަކެތި އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް އެގްރޯނެޓުގެ ބޯޓުތައް އެމްޓީސީސީން އޮޕަރޭޓް ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގްރި ބޯޓަކީ، ސީދާ ދަނޑުވެރިކަމުގެ ބޭނުމަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މި ބޯޓުތައް ފަރުމާކޮށްފައިވަނީ، ރާއްޖޭގައި އެކި ސަަރަހައްދުތަކަށް ދަތުރުކުރުމަށް ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މޫސުމީ ބަދަލުތަކާއި އެކުވެސް ގަދަ ކަނޑުތަކުގައި ދުއްވޭގޮތަށް އަދި ބަނދަރަށް ލެފުމުގައިވެސް ފަސޭހަވާނެ ގޮތަށެވެ.

މި ބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާ ކުރުމާއި، ސޯލާ ޕަވަރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި، ކްރޫއަށް އަރާމުކޮށްލަން ތިބެވޭ ކޮޓަރިތައް ވަނީ ފަރުމާކޮށްފައެވެ. މި ބޯޓު ފަރުމާކޮށްފައިވަނީ، އިރުގެ ހަކަތައިން ކޯލްޑް ސްޓޯރޭޖް ބޭނުން ކުރެވޭ ގޮތަށް ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތަށެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި، ފައިދާހުރި، އިތުބާރު ހުރި، އަދި ވަގުތުން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މިބޯޓުތަކުގެ ސަބަބުން ދަނޑުވެރިންގެ ބާވަތްތައް ތާޒާކަމާއެކު ވަގުތުން ރާއްޖޭގެ އެކި މާރުކޭޓުތަކަށް ފޯރުކޮށްދެވޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް ލިބިގެންދާނެއެވެ.