ޚަބަރު

މަރުގެ އަދަބު ދޭން ޔަހޫދީން ހެދި ޤާނޫނާ ދެކޮޅު އަޑުތައް ގަދަވަނީ


ޔަހޫދީންނަށް ޙަމަލާދޭ ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދޭން ޔަހޫދީން ފާސްކޮށްފައިވާ ޤާނޫނާ މެދު އިތުރު ޤައުމުތަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

މުސްލިމުންގެ އާބާދީ ބޮޑު ޕާކިސްތާނު، ތުރުކީވިލާތު، މިޞްރު، އިންޑޮނޭޝިޔާ، އުރުދުން، ޤަތަރު، ސަޢުދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ޔަހޫދީންގެ އަސްކަރީ ކޯޓަކުން ޙުކުމް ކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ފާސްކުރި ޤާނޫނަކީ، ފަލަސްޠީނުގެ ރައްޔިތުންނާމެދު ތަފާތުކޮށް، އެ މީހުންގެ ޙައްޤުތައް ނިގުޅައިގަނެ، އަނިޔާވެރިކަން އިސްކުރުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ އިތުރު ބާބެއް ކަމަށެވެ.

މީގެއިތުރުން، ޔަހޫދީންގެ ޖަލުތަކުގައި ޤައިދުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކޮށް، ބަނޑަށް ޖައްސައި، ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ މެދު ވެސް އެ ބަޔާނުގައި ކަންބޮޑުވުންފާޅުކޮށްފައިވެއެވެ. ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިނގާ މި ޤާނޫނާ މެދު ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ޔަހޫދީންނަށް ޙަމަލާދޭ ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމަކީ ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވައުދެކެވެ. އެ ޤާނޫނާ ދެކޮޅަށް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވެސް ވަނީ ތެދުވެފައެވެ.

އެ ޤާނޫނު އިބާރާތްކޮށްފައިވަނީ، ޔަހޫދީންގެ މައްޗަށް ނުހިނގާ ގޮތަށް ކަމަށްވާއިރު، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންނާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ހިންގާ ކުށްތައް ބަލަނީ އަސްކަރީ ކޯޓުތަކުންނެވެ. ނަމަވެސް، ހަމަ އެ ބިންތަކުގައި ފަލަސްޠީނުގެ ރައްޔިތުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ޔަހޫދީންގެ މައްސަލަތައް ބަލަނީ މަދަނީ ކޯޓުންތަކުންނެވެ.

މި ޤާނޫނުގެ ދަށުން، މަރުގަ އަދަބު ދިނުމުގެ ބާރު ދީފައިވަނީ ޔަހޫދީންގެ އަސްކަރީ ކޯޓުތަކަށް އެކަންޏެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، 2010ވަނަ އަހަރުން ފެށިގެން އަސްކަރީ ކޯޓުތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރި ދައުވާތަކުގެ 99.74 އިންސައްތަ ވަނީ ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. އޭގެ ބަދަލުގައި، ފާއިތުވި 10 އަހަރުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީންގެ ހިންގި ޖަރީމާތަކުގެ އެއްވެސް މައްސަލައެއްގައި ދައުވާ ވެސް ކޮށްފައެއް ނުވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދޭން ޤާނޫނެއް ހަދާފައިމިވަނީ، ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ޖަރީމާތައް އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މިގޮތުން، ފެބްރުއަރީ 28އިން ފެށިގެން އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ ފަލަސްޠީނުގެ ޣައްޒާއަށް އެހީ ވައްދާ ހުރިހާ މަގުތަކެއް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ވަނީ ބަންދުކޮށްފައެވެ. އެއާ އެކު ކާބޯތަކެއްޗާއި ބޭސް ލިބޭނެ މަގުތައް ބަންދުވެ، ޣައްޒާގެ ރައްޔިތުންގެ ތަކުލީފުތައް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.