ޚަބަރު

"މެޝިނަރީސްތަކާއެކު ދަތިތައް ހައްލުވެ، ތަރައްޤީގެ ދުވެލި އަވަސްވާނެ"


  • އެހެން ކުންފުނިތަކަށްވެސް ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެ

  • މަޝްރޫއުތައް ނިންމުމަށް ދީފައިވާ ތާރީހުތަކަށް ވުރެއް އަވަހަށް ނިންމޭނެ

އައު އުޅަނދުތަކާއެކު ދިމާވާ ގޮންޖެހުންތައް ހައްލުވެ ތަރައްޤީގެ ދުވެލި ހަލުވިގެންދާނެކަަމަށް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.

ނަޒީމް މިހެންވިދާޅުވީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ބަރު އުޅަނދުތަކާއި މެޝިނަރީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ތަރައްޤީގެ މަސައްކަތްތައް ހަލުވިކުރުމަށް ގެންގުޅުއްވި ދުރުވިސްނުންފުޅުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްކަމަށެވެ. ނަޒީމް ވިދާޅުވީ މިކަމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހަލުވިވެ ރައްޔިތުންންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އާރްޑީސީއާއި ހަވާލުކޮށްފައިވާ މަސައްކަތައް ކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

ނަޒީމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ބޮޑެތި ގޮންޖެހުންތަކާއެކުގައިކަމަށާއި މި ލިބިގެންދިޔަ މެޝިނަރީސްތަކާއެކު މަސައްކަތްކުރުމަށް ބޮޑުތަކުން ލުއިފަސޭހަވެގެންދާނެކަމަށެވެ. މިތަކެތީގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވެ މަޝްރޫއުތައް ނިންމުމަށް ދީފައިވާ ތާރީހުތަކަށް ވުރެއް އަވަހަށް ނިންމިގެންދާނެކަަމަށް ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު ގޮންޖެހުތަކާއެކު ވަރަށް ދަތިހާލުގައި. މި މެޝިނަރީތަކާއެކު ވަރަށް ބޮޑު ހައްލުތަކެއް ލިބިގެންދާނެ. މިތަކެތީގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވެ، މަޝްރޫއުތައް ނިންމަންދީފައިވާ ތަރީހުތަކަށްވުރެއ އަވަހަށް ނިންމުމަށް މަސައްކަތްކުރާނަން. އަދި އެކަމުގެ ޔަގީންކަން ރައީސްއަށް އަރުވަން، އަދި ދިވެހި ރައްޔިތުންނަށްވެސް އަރުވަން" ނާޒިމް ވިދާޅުވިއެވެ.

ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ މިތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައި.ޑީ.އެސް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރް.ޑީ.ސީ) އާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުންކަމަށެވެ. އެގޮތުން ޗައިނާގެ މިފަދަ ތަކެތި އުފައްދާ އެންމެ ވަރުގަދަ ކުންފުނި އެކްސް.ސީ.އެމް.ޖީ ވެވުނު އެއްބަސްވުމުގެ ދަށުން ފަހިގެންގޮސްފައިވަނީ މެޝިނަރީތައް ލިބުމުން އެކަނި ނޫންކަމަށް ނަޒީމް ވިދާޅުވިއެވެ. މިވަގުތު އައި.ޑީ.އެސްއަކީ ރާއްޖޭގެ ޕާރޓްނާ ނުވަތަ ޑިސްޓްރިބިއުޓަރސިޕް ލިބިފައިވާ ކުންފުނިކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އެހެން ކުންފުނިކަތަކަށްވެސް މިފަދަ މެޝިނަރީ ލިބުމުގައި މިހާރު ބާޒާރުން ލިބޭ އަގުތަކައްވުރެއް މާ ލުއި އަގުތަކެއްގައި މިތަކެތި ފޯރުކޮށްދެވޭނެ ޔަގީންކަން ވަނީ ލިބިފައިކަމަށް ނަޒީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާ އެހެން ކުންފުނިތަކަށްވެސް ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެކަމަށް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.