ޚަބަރު

އަޝްފާގު ސާބިތުކޮށްދިނީ އަދިވެސް އެފަދަ ދެވަނައެއް ނެތްކަން!


  • ރާއްޖެ ބަލިވެފައި އޮއްވައި، އަޝްފާޤް ކުޅެންއެރީ 79 ވަނަ މިނެޓުގައި

  • ރާއްޖެ މޮޅުވީ އަޝްފާޤް ހޯދައިދިން ޕެނަލްޓީން ޖެހި ލަނޑާއެކު

ބައެއް ކަންކަމަކީ، އެއްޗެއްސަކީ އަދި މީހުންނަކީ ވެސް، ދުވަސްތައް ދައުރުވެ، "ރަން ދުވަސްތައް" ފާއިތުވެދާއިރު ވެސް އޭގެ އަގަށް، މުހިންމުކަމަށް ބަދަލު ނާންނަ ކަންކަމާއި އެއްޗެއްސާއި މީހުންނެވެ.

މީހުންގެ ވާހަކަ ދައްކާނަމަ، ބައެއް ދާއިރާތަކަކީ، އުމުރުން ދުވަސްވުމުން ނުވަތަ ޒުވާން ދުވަސްވަރު ގެއްލުމުން އެ ދާއިރާތަކުގައި އެ މީހުންގެ އަގު ދަށްވެ، "ވެލިއު" ގެއްލޭ ދާއިރާތަކެވެ. މިސާލެއްގެ ގޮތުގައި ފުޓުބޯޅަ އަކީ އެފަދަ ދާއިރާއެކެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅައަށް ބަލާލާއިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މަދު ކުޅުންތެރިއަކަށް މެނުވީ، 35 އިން މައްޗަށް ދިއުމުން އެންމެ މަތީ ފަންތީގައި ހިފަހައްޓާ ނުލެވެއެވެ.

މާ ދުރުދުރުން މި ވާހަކަ ނުދައްކާ ސީދާ މައުލޫއަށް ޖެހިލާނަމެވެ.

ދިވެހި ތާރީޚު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. މިކަމާ ދެބަސްވާނެ ދިވެހި ރައްޔިތަކު ވެސް، އަދި މި ސަރަހައްދުގެ ފުޓުބޯޅަ އެނގޭ، ބަލާ މީހަކު ވެސް ދެބަހެއް ނުވާނެއެވެ. އަޝްފާޤުގެ ވިދުން ގަދައީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. ސާފް ސަރަހައްދުގައި ވެސް އެއީ ހަމަ އެފަދަ ދެވަނައެއް ނެތް "މޭން އޮފް ސްޓީލް" އެވެ.

މީގެއިތުރުން މެލޭޝިއާ ލީގުގައި ވެސް އަޝްފާޤް ކުޅެފައިވާއިރު އެ ޤައުމުގައި ވެސް އޭނާ ވެގެންދިޔައީ ވަރުގަދަ ނަމަކަށެވެ. ލީގުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ވެސް އަޝްފާޤް ވަނީ ހޯދާފައެވެ.

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ، ޖަރުމަނުގެ ޕީޓަ ސެގާޓް ހަވާލުވި ހިސާބުން، ޤައުމީ ޓީމަށް "ބަދަލުތަކެއް ގެނައުމުގެ" ބޭނުމުގައިކަމަށް ބުނެ އަޝްފާޤް ސްކޮޑުން ބާކީކުރިއެވެ. އޭރުވެސް ދިވެހިން ބުނަމުން ދިޔައީ ޤައުމީ ޓީމަށް އަޝްފާޤް މުހިންމު ކަމަށެވެ. ދިވެހި ކޯޗުންނާއި ފުޓުބޯޅައިގެ ތަޖުރިބާކާރުން ވެސް ބުނަމުން ދިޔައީ ހަމަ އެހެންނެވެ.

އެފަހުން ޤައުމީ ސްކޮޑުން އަޝްފާޤަށް ފުރުސަތު ލިބުނު ނަމަވެސް، ފަހުން އަނިޔާގެ އެކި މައްސަލަތައް ކުރިމަތިވެ، ފާއިތުވީ ތިން އަހަރެއްހައި ދުވަހު އަޝްފާޤް ޤައުމީ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. މި އަނިޔާތަކުގެ ސަބަބުން ފުޓުބޯޅައިގެ ރަަސްމީ ހަރަކާތްތަކާ ދުރުގައި ހުންނަން ވެސް އަޝްފާޤަށް ޖެހުނެވެ.

އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި އެންމެން ވެސް ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. ޤައުމީ ޓީމަށް އަޝްފާޤް މުހިންމުވާ ވާހަކައެވެ. ކޮންމެ މެޗަކަށް ވިޔަސް، މުބާރާތަކަށް ވިޔަސް، ޤައުމީ ސްކޮޑު އެކުލަވާލާއިރު، އަޝްފާޤުގެ ނަން އެ ލިސްޓުގައި ހިމެނޭތޯ ދިވެހިން ބަލައެވެ.

ކަން މިހެން އޮއްވައި، މީގެ 13 ވަރަކަށް އަހަރުކުރިން އަދި އޭގެ ހަތަރު އަހަރު ކުރިން ވެސް ދިވެހި ޤައުމީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ހަންގޭރީގެ އިސްޓަވާން އުރުބާނީ ޤައުމީ ޓީމާ ހަވާލުވީ މި އަހަރުއެވެ. އުރުބާނީގެ އިރުޝާދުގެ ދަށުން ސީނިއަރ ޤައުމީ ޓީމުން ފުރަތަމަ މެޗު ކުޅުނީ ހުސްވި މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެ އެ މެޗުން ރާއްޖެ މޮޅުވީ 1-2 އިންނެވެ.

މި މެޗަށް އުރުބާނީ އެކުލަވާލި ސްކޮޑުން އަޝްފާޤް ހިމެނޭހެން، ތަޖުރިބާކާރު އެހެން ބައެއް ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފައިވެއެވެ.

ދިން ފުރުސަތުގައި އަޝްފާޤް މިވަނީ، އޭނާއާމެދު ޝައްކުކުރި އެންމެހާ ފަރާތްތަކަށް، ހިމޭން، އެހެނަސް ބާރުގަދަ ރައްދެއް ދީފައެވެ. ސާބިތުކޮށްދިނީ އެއީ އަދިވެސް "ރަން" ކަމެވެ. އެފަދަ ދެވަނައެއް ނެތްކަމެވެ.

މެޗުގައި އަޝްފާޤް ކުޅެން އެރީ 79 ވަނަ މިނެޓުގައެވެ. އޭރު ރާއްޖެ އޮތީ 0-1 އިން ބަލިވެފައެވެ.

ފުރިހަމަވަގުތުގެ ފަހު 11 މިނެޓަށް ކުޅެން އެރި އަޝްފާޤު މެޗުގައި ބައިވެރިވުމާއެކު ވަގުތުން އެނގުންވިއެވެ. އޭނާގެ ހުނަރާއި، ތަޖުރިބާވީ މި މެޗުގައި ރާއްޖެއިން ހޯދި ކާމިޔާބީގެ މުހިންމު ހިއްސާއަކަށެވެ. އަޝްފާގުގެ އިތުރުން އަލީ ފާސިރު (ސެންޓޭ) ކުޅުމުގައި ބައިވެރިވުމާއެކު، ރާއްޖޭގެ އެޓޭކުތައް ވަރުގަދަވެ، ޓިމޯ ލެސްޓޭގެ ގޯލަށް ނުރައްކާވާން ފެށިއެވެ.

ޓީމޯ ލެސްޓޭގެ މުޅި ޓީމުހެން އަމިއްލަ ހާފު ތެރޭގައި ޑިފެންސިވް ގޭމެއް ކުޅެމުންދަނިކޮށް ރާއްޖެއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 89 ވަނަ މިނެޓުގައި މުޙައްމަދު އިރުފާން ޖަހައިދިން ލަނޑުންނެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ މެޗު ނިމެންދަނިކޮށް، މި މެޗުން ރާއްޖެ މޮޅުވާން ފުރުސަތު ހޯދައިދިނީ އަޝްފާޤެވެ. އޭނާގެ ހުނަރާއި، ފުޓުބޯޅައިގެ ތޫނުފިލިކަމުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލިބިގެންދިޔަ ޕެނަލްޓީއެވެ. އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި އަޝްފާޤަށް، ޓިމޯ ލެސްޓޭގެ ކީޕަރު ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ރާއްޖެ މޮޅުވީ ފާސިރު ޖަހައިދިން ލަނޑާއެކުއެވެ.

މެޗުން ހޯދި މޮޅާއެކު ރާއްޖެ ކޮލިފައިންގައި ހިމެނޭ ގުރޫޕުގެ ތިންވަނައިގެ ގޮތުގައި ކޮލިފައިން ނިންމާލިއިރު، މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ކޯޗު ވަނީ އަޝްފާޤަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އުރްބާނީ ބުނިގޮތުގައި އަޝްފާޤް ފަދަ ތަޖުރިބާކާރު ކުޅުންތެރިން ދަނޑުމަތީގައި ތިބުމުން ޒުވާން ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރަކަށްވެ، މެޗުގެ ނަތީޖާ ބަދަލުކުރުމަށް ފަސޭހަވެގެންދެ އެވެ. އޭނާ ބުނި ގޮތުގައި، ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ ތަފާތަކީ ޕްރެޝަރު ވަގުތުތަކުގައި ކުރިމަތިވާ ކަންކަން ހަމަޖެހިލައިގެން ނިންމާލުމުގެ ގާބިލްކަމެވެ.

"އަޝްފާގާއި ފާސިރު ފަދަ ކުޅުންތެރިން މި ޓީމަށް ގެނެސްދެނީ ތަފާތު ފެންވަރެއްގެ ކުޅުމެއް. އެއީ ނަފްސާނީ ގޮތުން ހުންނަ ވަރުގަދަކަން،" އުރްބާނީ ބުންޏެވެ. ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލި ސްކޮޑުގައި އަޝްފާޤާއި އެހެން ބައެއް ތަޖުރިބާކާރު ކުޅުންތެރިން ހިމެނުމާ ގުޅިގެން، މަދުބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

އެހެންނަމަވެސް، އަޝްފާޤް ސާބިތުކޮށްދިނީ އެއީ އަދިވެސް އެއްވަނަ ކަމެވެ. އެފަދަ ދެވަނައެއް ނެތްކަމެވެ. ޤައުމު ގޮވާލާ ކޮންމެ ހިނދެއްގައި ވެސް، ނަތީޖާ ނެރެދިނުމަށް، ދިވެހިންގެ "ދަގަނޑޭ" ހުންނާނެ ކަމެވެ.