ކުޅިވަރު

އިޓަލީ ވޯލްޑް ކަޕުން ކެޓުން: ލީގުގައި ބިދޭސީ ކުޅުންތެރިން ގިނަވުމަކީ މައްސަލައެއް: މިނިސްޓަރ


އިޓާލިއަން ލީގުގައި ބިދޭސީ ކުޅުންތެރިން ގިނަ ވުމަކީ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕަށް ކޮލިފައިނުވި މުހިންމު ސަބަބެއް ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަންދްރެއާ އަބޯޑީ ވިދާޅުވެއްޖެ އެވެ.

ޖޫން މަހު ފަށާ ވޯލްޑް ކަޕުގައި 48 ގައުމު ކުޅޭއިރު، ވިދިވިދިގެން ތިން ވަނަ ފަހަރަށް އިޓަލީ ވޯލްޑް ކަޕުން ކެޓީ ޕްލޭއޯފްގެ ފަހު މެޗުގައި ބޮސްނިއާ އަތުން ބަލިވެގެންނެވެ. މިއާއެކު އިޓަލީ ހިމެނިފައިވަނީ ވޯލްޑް ކަޕަށް ޖެހިޖެހިގެން ކޮލިފައިނުވި ފުރަތަމަ ޗެމްޕިއަން ޓީމަށެވެ.

"ބިދޭސީ ކުޅުންތެރިން ވަރަށް ގިނަ އަހަރުމެންގެ ލީގުގައި. މީގެ ސަބަބުން ގައުމީ ޓީމަށް ނޭދެވޭ އަސަރު ކުރޭ. މިކަން މިއޮތީ އަނެއްކާ ވެސް ފެނިގެންގޮސްފައި. ސަރުކާރުން ވަނީ ފުޓްބޯޅަ އަށް ބޭނުންވާ ހުރިހާ ސަޕޯޓެއް މިދިޔަ އަހަރުތަކުގައި ދީފައި. އަހަރުމެންގެ ކުޅުންތެރިން ވަނީ ވަރަށް ގިނަ ޕްރޮޖެކްޓްތަކުގައި މީގެ ކުރިން ކާމިޔާބު ހޯދާފައި. އެހެންވީމާ ސަރުކާރުގެ މުއައްސަސާތައް ވޯލްޑް ކަޕަށް ކޮލިފައިނުވުމަކުން ގޯހެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އަދި ބުނީ ދަށް އުމުރު ފުރާތަކުގައި ވެސް އިޓަލީ އަށް މިދިޔަ އަހަރުތަކުގައި އެކަށީގެންވާ ކާމިޔާބީ އެއް ނުލިބޭ ކަމަށާއި މިކަމުން އެނގިގެންދަނީ ރޭވުންތެރި ޕްލޭނެއް އެކަންކަމުގެ ޒިންމާ ނަގަންވީ ފަރާތްތަކުގައި ނެތް ކަމަށެވެ.

މިހެންވެ އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު އަލުން ބާއްވައި ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ކުރަންޖެހޭ މަސައްކަތްތަކަށް ދޭންވާ އެއްބާރުލުން ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަހަރުމެންގެ ފުޓްބޯޅައިގެ މޮޑެލް ބަދަލު ކުރަން ޖެހޭ. މިހާރު އޮތް މޮޑެލް އަކީ އަހަރުމެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕުން ބޭރުވި މޮޑެލް އަކަށް ވެއްޖެ. މިކަން ވަރަށް ސާފު. ކުޅުންތެރިން އުފެއްދުމުގެ ނިޒާމާއި އެހެން ގައުމުތަކާ އެއްސަފެއްގައި ވާދަކުރުމުގެ ނިޒާމް އޮތީ ރަނގަޅު ކުރަންޖެހިފައި. މިކަމަށް ބަހުސެއް ބޭނުމެއް ނުވޭ،" މިނިސްޓަރ ވިދާޅުވި އެވެ.