ޚަބަރު

ރަސްމާލެ: ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ހިއްކައިފި


  • ޖުމުލަ 1009 ހެކްޓަރުގެ ބިން ހިއްކާނެ

  • ބިން ހިއްކުމުގެ މަސައްކަތް މިހާރު ގެންދަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެން

  • އެޕްރީލްގެ ކުރިން ނިންމުމަކީ ޢަމާޒެއް

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ހިއްކާ ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދަށް މިސަރުކާރުގެ އެންމެ ބޮޑު އެއް ތަޞައްވުރެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ބިންހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު ދެ ޑްރެޖަރު ބޭނުންކޮށްގެން، 24 ގަޑިއިރު އެ މަސައްކަތް ކުރިއަށްދާކަމަށެވެ. ޖުމުލަ 3 ޑްރެޖަރު ބޭނުންކުރާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ އެޕްރީލްމަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމަށްކަމަށާއި، އެ އަމާޒަށް މަސައްކަތްތައް ކުރިއަށްގެންދާކަމަށެވެ.

"މިހާރުވެސް 500އެއްހާ ހެކްޓަރު ހިއްކާ ނިމިއްޖެ. ދެން ޕްލޭނިންއާއި އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް އެ ދަނީ. ބޭނުންވަނީ ގެދޮރު ހޯދުމަށް ފޯމު ހުށައަޅަން ހުޅުވާލާފައިވާ މުއްދަތުގެ ކުރިން ބިން ހިއްކުމުގެ މަސައްކަތް ނިންމަން. ކުރީ ސަރުކާރުން ހެދި ގޮތް ނުހަދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެއާއި މާލެއާއި ދެމެދު ދަތުރުކުރާނެ ކަނެކްޓިވިޓީއެއް އެޅުމާ ގުޅޭ ސަރވޭތައް ކުރަމުންދާކަމަށެވެ. އެކަމުގެ ފަންނީ އަދި ޓެކްނިކަލް ދިރާސާތައް ކުރިއަށްދާކަމަށާއި ގޮތެއް ނިންމާނީ އެއަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނެސްދޭނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.