އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ކޮލަމްބިއާ އާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ފްރާންސް މޮޅުވެއްޖެ އެވެ.
އެމެރިކާގެ މެރިލޭންޑްގައި ކުޅުނު މި މެޗަށް ކޮލަމްބިއާ ނިކުތްއިރު އެ ޓީމުގެ ކޯޗު ނެސްޓަރ ލޮރެންޒޯ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކްރޮއޭޝިއާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށް ނިކުތް ޓީމަށް ދެ ބަދަލެއް ގެނެސްފަ އެވެ.
އަނެއްކޮޅުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޮމްޕް ވަނީ ބްރެޒިލް އަތުން މިދިޔަ ހަފްތާގައި 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗަށް ނިކުތް ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ލަނޑު ޖަހާ ފްރާންސް އިން ކުރި ހޯދާފައިވަނީ މެޗުގެ 29 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕީއެސްޖީގެ ފޯވަޑް ޑިޒަޔާ ޑުއޭ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ފްރާންސްގެ މާކަސް ތުރާމް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ކޮލަމްބިއާ އިން މެޗުގެ ދެވަނަ ހާފަށް ނިކުމެފައިވަނީ ޓީމަށް ތިން ބަދަލު ގެނެސްގެންނެވެ. އަދި މި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުން އިތުރަށް ވަނީ ރަގަޅުވެފަ އެވެ.
ނަމަވެސް ފްރާންސްގެ ހަލުވި ކުޅުންތެރިން ހިފެހެއްޓުމުގައި ކޮލަމްބިއާގެ ޑިފެންޑަރުންނަށްވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ފްރާންސްއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 56 ވަނަ މިނިޓުގައި އުމުރުން 20 އަހަރު ޑިޒަޔާ ޑުއޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި މެޗުގައި ޑުއޭ ޖެހި ދެ ލަނޑަކީ އޭނާ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ދެ ލަނޑެވެ.
މި މެޗުގައި ކޮލަމްބިއާ އިން ލަނޑު ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ޖެމިންޓޮން ކެމްޕާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އުމުރުން 25 އަހަރުގެ ކެމްޕާޒް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.