މުނިފޫހިފިލުވުން

އައިޑަލްގެ ކޯ-ސްޕޮންސަރ ޕްލަސްއަކަށް ވީބީ އަދި ޕޭން އޯޝަން


މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ކޯ-ސްޕޮންސަރ ޕްލަސްއަކަށް ވީބީ ބްރަދަރސް އަދި ޕޭން އޯޝަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާ، އެކަމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްއާއެކު މިއަދު ސޮއިކޮށްފިއެވެ.

މި ދެ ކުންފުންޏާއެކު ޕީ.އެސް.އެމުން ސޮއިކޮށްފައި ވަނީ ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ މަޤްބޫލް ރިއަލިޓީ ޝޯވް މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް ނިންމާލުމަށްފަހު މިޝޯގެ ސީޒަން ދޭއް ބޭއްވުމަށް ޕީ.އެސް.އެމުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސީޒަން 2 ގެ ސްޕޮންސަރުންނާއި، ކޯ-ސްޕޮންސަރުންގެ އިތުރުން، ކޯ-ސްޕޮންސަރ ޕްލަސްގެ ގޮތުގައި ރާއްޖޭގެ މަޝްޙޫރު ވިޔަފާރި ކުންފުނިތައް ހަމަޖައްސައި، އެކަމުގެ އެއްބަސްވުންތަކުގައި މިހާރު ގެންދަނީ ސޮއިކުރަމުންނެވެ. 

img:http://s1.psmnews.mv/images/660x400/14749703129766.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ކޯ-ސްޕޮންސަރ ޕްލަސްއަކަށް ޕޭން އޯޝަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސުން- ފޮޓޯ؛ ޕީއެސްއެމް

އެގޮތުން މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ކޯ-ސްޕޮންސަރ ޕްލަސްއަކަށް ޕޭން އޯޝަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި ވީބީ ބްރަދާރސް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ. ޕޭން އޯޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މާކެޓިންގ އެންޑް އޮޕަރޭޝަންސް މެނޭޖަރ އިބްރާހީމް ޢާސިމެވެ. ވީބީ ބްރަދަރސްގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ޖެނެރަލް މެނޭޖަރ އަޙްމަދު އިޝާނެވެ.

މި ދެ ކުންފުންޏާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއްގެ ކާމިޔާބީއާއެކު، ސީޒަން ދޭއްގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އަދި ސީޒަން ދޭއްވެސް ޢާއްމުން ބަލައިގަންނަ ފަދަ ކާމިޔާބު ޝޯވއަކަށް ހެދުމަށް ސްޕޮންސަރުންގެ އިތުރުން، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އަދި އެންޓަޓެއިންމަންޓްގެ ދާއިރާގައި މަސައްކަތް ކުރާ ފަންނީ ބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރައްވާކަމަށެވެ.

img:http://s4.psmnews.mv/images/660x400/14749703522327.jpg|ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު- ފޮޓޯ: ޕީއެސްއެމް

"އައިޑަލްގެ ސްޕޮންސަރެއްގެގޮތުގައި ގުޅޭނެކަމުގެ ޔަޤީންކަން ޕޭން އޯޝަނުން ވަނީ އަޅުގަނޑުމެންނަށް ވަރަށް ކުރިންދެއްވާފައި. އަޅުގަނޑު ދެކޭގޮތުގައި މީގެން ދައްކުވައިދެނީ ސީޒަން އެކަކުން ރަނގަޅު އައުޓްކަމެއް ޕީ.އެސް.އެމްއަށް ނެރެވުނުކަން ޕޭން އޯޝަންގް މެނޭޖްމަންޓުން ޤަބޫލުކުރާކަން. ހަމައެހެންމެ ވީބީ މެދުވެރިކޮށް އަޅުގަނޑުމެންނާއި މިގުޅުނީ އިންޓަރނޭޝަނަލް ދެ ބްރޭންޑެއް. މިއީވެސް މުޅި ސީޒަން 2 އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" ޝާޔަން ވިދާޅުވިއެވެ.

ކޯ-ސްޕޮންސަރ ޕްލަސްގެ ގޮތުގައި ސޮއިކުރި ދެ ކުންފުނީގެ ތެރެއިން ޕޭން އޯޝަންއަކީ މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއްގައިވެސް ކޯ ސްޕޮންސަރެއްގެ ގޮތުގައި ޙަރަކާތްތެރިވި ކުންފުންޏެކެވެ. އެކުންފުނިން އައިޑަލްގައި ޕްރޮމޯޓްކުރަނީ އެކިކަހަލަ ފަރުނީޗަރާއި ގުޅުންހުރި ސާމަނު ލިބެންހުންނަ "އަލޯރާ" ފިހާރައެވެ. މީގެ އިތުރުން ވީބީ ބްރަދަރސްގެ ފަރާތުން އެކުންފުނިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ އިންޓަރނޭޝަނަލް 2 ބްރޭންޑްކަމަށްވާ އަލް-މުދިޝް ހިކި ކިރު، އަދި ސްނިކަރސް ޗޮކްލެޓް މިފަހަރުގެ ޝޯވގެ ތެރެއިން ޕްރޮމޯޓްކުރުމަށް ނިންމާފައިވެއެވެ. މި ދެކުންފުނިންވެސް ވަނީ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭކަށް އެފަރާތްތަކުން ކުރާ އުއްމީދު ޙިއްޞާކޮށްފައެވެ.

"ކުރީފަހަރުގެ ތަޖުރިބާއަށް ބަލާފައި މިފަހަރު ފުދޭވަރަކަށް ހަމަ ތަފާތު ގޮތްގޮތަށް މާރކެޓް ކުރެވޭނެ ފުރުޞަތުތައް ލިބިގެންދާނެ. އަދި މިފަހަރު ތަންކޮޅެއް ބޮޑަށް ޕްލޭން ކުރެވިގެން، ޕީ.އެސް.އެމްއާއި ގުޅިގެން ރަނގަޅު ޕްރޮމޯޝަނަލް އިވެންޓްތަކެއް ކުރިއަށްގެންދެވޭނެ" ޕޭން އޯޝަންގެ މާކެޓިންގ މެނޭޖަރ އައިޝަތު ސަމާޙާ ހުނަޢިފް ވިދާޅުވިއެވެ.

"އަތޮޅުތެރޭގެ ފިހާރަތަކުގައި ޖޮއިންޓްކޮށް، ޕްރޮމޯޝަނަލް އިވެންޓްތައް ކުރިއަށްގެންދާނަން އަޅުގަނޑުމެން. ޚާއްސަގޮތެއްގައި ސްނިކަރސް ޗޮކްލެޓަކީ ޒުވާނުންގެ މެދުގައި މަޤުބޫލު ބްރޭންޑަކަށްވެފައި، މޯލްޑިވިއަން އައިޑަލްއަކީވެސް ޒުވާނުންނަށް ޚާއްސަ ޝޯވއެއްކަމުން، އަޅުގަނޑުމެންގެ ވިޔަފާރިއަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރަން" ވީބީ ބްރަދާރސްގެ ޖެނެރަލް މެނޭޖަރ އަޙްމަދު އިޝާން ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ސީޒަން ދޭއްގެ ޖަޖުންނާއި ޕްރެޒެންޓަރުން ހޯދުމުގެ ކަންކަން ފްރެމެންޓަލް މީޑިއާއާއި ގުޅިގެން ޕީ.އެސް.އެމްގެ ފަރާތުން މިހާރުދަނީ ކުރަމުންނެވެ.