ޓީވީއެމްއަށް 48 އަހަރު ފުރިގެންދިޔައިރު ޤައުމީ އެއްބައިވަންތަކަމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ އަހަރީ ދުވަހުގެ މުނާސަބާގައި ޓީވީއެމްގެ ހެނދުނު ހެނދުނާ ޝޯވްގައި ޓީވީއެމް ހިންގާ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އެންމެ އިސް 3 ފަރާތް ވަނީ ބައިވެރިވެފައެވެ. ޕްރޮގްރާމުގެ މެހެމާނުންގެ ގޮތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބާއި، ޗެއަރޕާސަން އާމިނަތު ނަމްޒާ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ޓީވީއެމްގެ 48 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޓީވީއެމް މުވައްޒަފުންނާއި ބެލުންތެރިންނަށް ވަނީ ތަހުނިޔާ ކިޔުއްވާފައެވެ.
ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، 3 ބޭފުޅުންވެސް ވަނީ މިވީ 48 އަހަރު ތެރޭގައި ޓީވީއެމްއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި މިއިން ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ މުވައްޒަފުންގެ ބުރަ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވީ، 1978 ވަނަ އަހަރު ޓީވީއެމް ޚިދުމަތް ދޭން ފެށިއިރު، އެ ޗެނަލަކީ މި ސަރަޙައްދުގެވެސް ފުރަތަމަ ކުލަ ޓީވީ ކަމަށެވެ. އަދި އޭރު ރޭޑިއޯއިން ރައްޔިތުންނަށް އިވެމުން ދިޔަ އަޑު މަންޒަރަށް ބަދަލުކޮށް ޓީވީން ރައްޔިތުންނަށް ބޭނުންވާ ޚަބަރާއި މައުލޫމާތު އަދި މުނިފޫހި ފިލުވައި ދިނުމުގެ ދައުރު އަދާކުރަމުން މިހާތަނަށް އައިސްފައިވާ ކަމަށެވެ.
މި ކާމިޔާބީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން ކުރަމުން އަންނަ އިތުބާރު ކަށާއި އެއިތުބާރަށް މިހާތަނަށްވެސް ބަދަލެއް ނާންނަ ކަމަށް ޝަކީބް ވިދާޅުވިއެވެ. މި އިތުބާރާއެކު ޤައުމީ އެއްބައިވަންތަަކަމުގައި ޓީވީއެމް މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް އެމްޑީ ޝަކީބް ވިދާޅުވިއެވެ.
"މިއަދު 48 ވެގެން އަންނައިރު އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ ޤައުމީ އެއްބައިވަންތަކަމުގައި ޓީވީ ކުޅުނު ރޯލު. ޤައުމީ އެއްބައިވަންތަކަމާއި މުޅި ޤައުމަށް ބޭނުންވާ ކަމެއްގައި ޓީވީއެމް ކުޅުނު ރޯލު. މިއީން ކޮންމެ ކަމެއް. ޚަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ދައިރާއަށް ބެލި ކަމުގައިވިއަސް، މިއިން ކޮންމެ ކަމެއްގައިވެސް ޤައުމީ އެއްބައިވަންތަކަމުގައި މެދުކެނޑުމެއް ނެތި އެއްވާނެއްގައި ކުރި މަސައްކަތް ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ." މެނޭޖިންގ ޑިރެކްޓަރ ޝަކީބް ވިދާޅުވިއެވެ.
ޓީވީއެމްއަކީ އެހެން ޗެނަލްތަކާއި ވާދަކުރާ ޗެނަލެއް ނޫންކަމަށް ފާހަގަކުރައްވާ ޕީއެސްއެމްގެ ޗެއަރޕާސަން އާމިނަތު ނަމްޒާ ވިދާޅުވީ ރައްޔިތުންނާއި ހަމައަށް ކޮންމެ އުފެއްދުމެއްވެސް ގެނެސްދެނީ ވަކި މިންގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި މި ޗެނަލަކީ ބެލުންތެރިންނަށް ވަރަށް ބޮޑު އިންޤިލާބެއް ގެނުވި ޗެނަލަކަށްވާނެ ކަމަށް ނަމްޒާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މެނޑޭޓުގެ ތެރޭގައި ކުރާ މަސައްކަތެއް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ އުނގަންނައިދިނުން. އެކަން ކުރަނީ ދިވެހިންގެ ދިވެހި ވަންތަކަން ނުގެއްލޭ ގޮތަށް. އަޅުގަނޑުމެން މިކަން ކުރަނީ އުސޫލްތަކާއި ހަމަތައް ހިފަހައްޓައިގެން. ޓީވީއެމް އިން ގެނެސްދޭ ޕްރޮގްރާމްތައް ފެންނާނީ މިންގަނޑުތަކެއްގެ ތެރޭގައި. އަޚްލާޤީ މިންގަނޑުތައް ކަމުގައިވިއަސް، އަދި ބަސްމޮށުންތެރިކަމަށް ބެލިކަމުގައިވިއަސް ކޮލިޓީއަށް ބެލިކަމުގައިއަށް އެކި ގޮތްގޮތުން ބަލާއިރު އެ މިންގަނޑުތަކުގެ ތެރޭގައި ޕްރޮގްރާމް ފެންނާނީ." ޗެއަރޕާސަން ނަމްޒާ ވިދާޅުވިއެވެ.
ޓީވީއެމްގެ މުވައްޒަފުންނަކީ ބުރަ މަސައްކަތް ކުރާ މުވައްޒަފުން ކަން ފާހަގަކުރައްވާ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން ވިދާޅުވީ، 48 އަހަރުގެ ދިގު ތާރީޚުގެ އެންމެ ބޮޑު ކާމިޔާބީއަކީ މުވައްޒަފުން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ބަދަލުވަމުން އަންނަ އެއިރެއްގެ ހާލަތާއެކު މުވައްޒަފުން އެއްވެސް ވަރުބަލިކަމެއް ނެތި ފުރިހަމަ އުފެއްދުމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން މަސައްކަތްކުރާކަމަށް ޑީއެމްޑީ ވިދާޅުވިއެވެ.
"ވަރަށް ބީޒީ ދުވަސް އާދޭ. އޭރެއްގެ ހާލަތާއި ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ. ރޭ ދުވާ ހޭލާ މަސައްކަތްކުރާއިރު އެއްވެސް ޝަކުވާއެއް ނޯވޭ. އަދި ކަމަކަށް ކުރުން އެއީ އެބޭފުޅުންގެ ގޮތެއް ނޫން. އެއީ ޓީވީއެމްގެ މުވައްޒަފުންގެ ގޮތަކީ. ހަމަ އިދާރީ މުވައްޒަފުންއިން ފެށިގެން ހުރިހާ އެންމެންގެ މަސައްކަތަކީ ވަރަށް ލާމަސީލް މަސައްކަތެއް. ނީތީޖާ ނެރެނީ ވަރަށް ފުރިހަމަ ޓީމްވޯކެއްގެ ތެރެއިން" ޑީއެމްޑީ ޔާމީން ވިދާޅުވިއެވެ.
ޓީވީއެމްގެ އަހަރީ ދުވަހުގެ މުނާސަބާގައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު، ކުންފުނީގެ މެނޭޖްމެންޓުން ދެއްވާ ޔަޤީންކަމަކީ މުވައްޒަފުންގެ ބުރަ މަސައްކަތް އަގުވަޒަންކޮށް ރަނގަޅު ގޮތްތަކެއް މުވައްޒަފުންނަށް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކޮންމެ މުވައްޒަފަކީވެސް މުހިންމު ދައުރެއް އަދާކުރާ މުވައްޒަފެއް ކަމަށާއި ބްރޯޑްކާސްޓިން ދައިރާގައި މިހާތަނަށްވެސް ކޮލިޓީ ހިފަހައްޓާ ޓީވީއެމްއިން ނަމޫނާ ދައްކާފައިވަނީ އެގޮތުގެ މަތިން ކަމަށް ޕީއެސްއެމް މެނޭޖްމެންޓުން ވިދާޅުވިއެވެ.