އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަޙްމަދު ޞާލިހް އަލީދީދީ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ޚާއްޞަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު ޞާލިޙް ޢަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި އައްޑޫގެ ރައްޔިތުންނަށާއި، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައިވަނީ މަރްޙޫމް އަޙްމަދު ޞާލިހް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ދަންނަވާފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) March 28, 2026
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ޚާއްޞަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު ޞާލިޙް… pic.twitter.com/2v2gyzoZ6U
ސ.ހިތަދޫ، ފެހިވިލާގެ އަޙްމަދު ޞާލިހް އަލީދީދީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު ހިތަދޫގައި ހުންނަ ޙުސައިން މޫސާ މިސްކިތުގައެވެ.
އަޙްމަދު ޞާލިހު އަލީދީދީ ވަނީ ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ހިތަދޫ ކަތީބުކަމާއި އައްޑު އަތޮޅުގެ އަތޮޅުވެރިޔާ ވެރިކަމާއި އައްޑު އަތޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރުކަމުގެ މަޤާމުވެސް އޭނާ އަދާކުރައްވާފައިވެއެވެ.
އައްޑު އަތޮޅުން ޤައުމީ މުބާރާތެއްގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ވެސް އަޙްމަދު ޞާލިހު އަލީދީދީ އަށެވެ. އޭނާގެ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް އަރުވައިފައެވެ.