ޚަބަރު

ޢީދު ބައިބަލާ: 6 ޓީމެއް 3 ވަނަ ބުރަށް


  • ޓީސީ ރެޑް ލަޔަންސްގެ މައްޗަށް ކްލަބް ޓީނޭޖް ކުރިހޯދީ ސީދާ 2 ގޭމުން

  • އެސްޑީޒެޑް ޝާކްގެ މައްޗަށް ޓީސީ ފްރެޓަރނިޓީ ކުރިހޯދީ ގަދަހިފުމުން

  • ބުރު ސްޕޯޓްސް ކްލަބާއި ބައްދަލުކުރި މެޗު އެލްޓީ ސްޕޯޓްސް ކާމިޔާބުކުރީ 2 ގޭމުން

  • ޓީސީ ސްޕޯޓްސް ބަލިކޮށް، ކްލަބް ކާސިންޖީ 3ވަނަ ބުރު ޔަގީންކުރީވެސް 2 ގޭމުން

  • ކުޑަހެންވޭރު ލަޔަންސް މެޗު ކާމިޔާބުކުރީ ލޮރެންޒޯ ހައީނާސް އާއި ބައްދަލުކޮށް 2 ގޭމުން

  • ހުޅުމާލޭ ސްޕޯޓްސް ކްލަބް 2 ގޭމުން ބަލިކޮށް، ކުޑަހެންވޭރު ޔުނައިޓެޑް 3 ވަނަ ބުރަށް

ޢީދު ބައިބަލާ ޗެލެންޖު 1447ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، 6 ޓީމެއް 3 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ހުޅުމާލޭގައި ކުރިއަށްދާ ބައިބަލާ މުބާރާތުގައި ރޭ ލޫޒާސް ފަޅީގައި ކުޅުނު 6 މެޗުގެ ތެރެއިން ބައެއް މެޗުތައް ސީދާ ދެ ގޭމުން ޓީމުތަކުން ކާމިޔާބުކުރިއިރު، ބައެއް ޓީމުތައް މެޗު ކާމިޔާބުކުރީ ގަދަ ހިފުމާއި ހަމައަށް ގޮސްގެނެވެ.

ރޭ ކުޅުނު ފުރަތަަމަ މެޗުގައި ބައްދަލުކުރީ ޓީސީ ރެޑް ލަޔަންސްއާއި ކްލަބް ޓީނޭޖެވެ. މި މެޗު ޓީނޭޖުން ކާމިޔާބުކުރީ ސީދާ 2 ގޭމުންނެވެ. ޓީނޭޖް ފުރަތަމަ ގޭމް އެތެރެއިން ކުޅެގެން ގެންދިޔައީ 14-7 އަކުންނެވެ. އަދި ދެވަނަ ގޭމް ބޭރުން އަރާ ޓީނޭޖް ކާމިޔާބުކުރި ސްކޯރ 7-7 ކުން އެއްވަރުވުމުން ރެޑްލަޔަންސް މެޗު ދޫކޮށްލުމުންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓީނޭޖްގެ އަލީ ޝައިހާންއެވެ.

ދެވަނަ މެޗުގައި އެސްޑީޒެޑް ޝާކްގެ މައްޗަށް ކުރި ހޯދައި، މޮޅުވީ ޓީސީ ފްރެޓަރނިޓީއެވެ. އެ ޓީމުން މެޗު ކާމިޔާބުކުރީ ފުރަތަމަ ދެ ގޭމް އެއްވަރުވުނުން ގަދަ ހިފުމުގައި ކުރި ހޯދައިގެނެވެ.

ފުރަތަމަ ގޭމް ބޭރުން އަރާ އެސްޑީޒެޑް ޝާކް ކާމިޔާބުކުރީ ގަޑިހަމަވާން 6 ސިކުންތައްވެފައިވަނިކޮށް ކުޅުންތެރިއެއް ނުބައިކޮށް 8-7 އަކުންނެވެ. ދެވަނަ ގޭމް ޓީސީ ކާމިޔާބުކުރީ ދޮޅުމިނެޓުގެ ތެރޭގައި ގޭމް އަނބުރާލައިގެންނެވެ.

ގަދަހިފުމުގެ 5 ގޭމްގެ ތެރެއިން 3 ގޭމް ކާމިޔާބުކުރީ ޓީސީ ފްރެޓަރނިޓީއެެވެ. މި މޮޅާއެކު އެ ޓީމުވެސް ވަނީ މުބާރާތުގެ 3 ވަނަ ބުރަށް ދަތުރުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޔައިޝް ބިން ހުސެއިން ޒުހެއިރެވެ.

ބުރު ސްޕޯޓްސް ކްލަބާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެލްޓީ ސްޕޯޓްސް ކްލަބްވެސް ވަނީ 3 ވަނަ ބުރުން ޖާގަ ހޯދާފައެވެ. މި މެޗު އެލްޓީ ސްޕޯޓްސްއިން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.

ފުރަތަމަ ގޭމް އެތެރެއިން ކުޅެގެން އެލްޓީ ކާމިޔާބުކުރީ 6 މިނެޓުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 18-2ގެ ނަތީޖާއިންނެވެ. ދެވަނަ ގޭމްގައި ބޭރުން އަރާ ސްކޯ އެލްޓީކޮޅަށް 6-4 އަކުން އަނބުރާލީ 2 މިނެޓުގެ ތެރޭގައެވެ.
މިމެޗުގެ މޮޅުކުޅުންތެރިއާގެ މަގާމް ހޯދީ އެލްޓީގެ ސަރީސް އަހުމަދެވެ.

ކްލަބް ކާސިންޖީއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ކްލަބް ކާސިންޖީ ކާމިޔާބުކުރީ އެއްގޭމުން މޮޅުވެ އަނެއް ގޭމް އެއްވަރުވުމުންނެވެ. މިމެޗުގައި ކާސިންޖީ ފުރަތަމަ ގޭމް ބޭރުން އަރާ ކާމިޔާބުކުރީ 8-5 ނެވެ. ދެވަނަ ގޭމްގައި ކާސިންޖީ އެތެރެއިން ކުޅުނުއިރު ގޭމްގެ އެންމެ ފަހު ސިކުންތުގައި ޓީސީއިން ވަނީ ކުޅުންތެރިއެއް ނުބައިކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ 6-6 އަކުންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކާސިންޖީގެ މުހައްމަދު ސައްމާޙްއެވެ.


ލޮރެންޒޯ ހައީނާސް ސީދާ ދެ ގޭމުން ބަލިކޮށް ކުޑަހެންވޭރު ލަޔަންސްވެސް ވަނީ 3 ވަނަ ބުރުން ޖާގަ ހޯދާފައެވެ. މިމެޗުގެ ފުރަތަމަ ގޭމް ކުޑަހެންވޭރު ލަޔަންސް ބޭރުން ކުޅެގެން ނެގީ ދޮޅު މިނެޓުގެ ތެރޭގައި ސްކޯ އަނބުރާލައިގެންނެވެ. އެއީ 7-5 އަކުންނެވެ. ދެވަނަ ގޭމްގައި ލޮރެންޒޯ ހައީނާސްއަށް ބޭރުން ކުޅެގެން 6 މިނެޓުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިކުރެވުނު އިރު ކުޑަހެންވޭރު ލަޔަންސް ވަނީ ނުވަ ކުޅުންތެރިން ހިފަހައްޓާލާ 11އަށް ސްކޯ އަރުވާފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކުޑަހެންވޭރު ލަޔަންސްގެ ޔޫސުފް ޖައިޝަމް ނާފިޒެވެ.

ރޭކުޅުނު ފަހު މެޗުގައި ހުޅުމާލޭ ސްޕޯޓްސް ކްލަބް ބަލިކޮށް، ކުޑަހެންވޭރު ޔުނައިޓެޑް 3 ވަނަ ބުރު ޔަގީންކުރީ ދެ ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ގޭމްގައި ކުޑަހެންވޭރު ޔުނައިޓެޑް ވަނީ އެތެރެއިން ކުޅެގެން 6 މިނެޓުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 15 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނަ ގޭމްގައި ބޭރުން އަރާ ކުޑަހެންވޭރު މެޗު ކާމިޔާބުކުރީ 2 މިނެޓުގެ ތެރޭގައި ސްކޯ އަނބުރާލާ 5-6 އަށް ނަތީޖާ އަނބުރާލައިގެންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކުޑަހެންވޭރު ޔުނައިޓެޑް އިބްރާހިމް އިކްރާމްއެވެ.

މިމެޗުތަކުން މޮޅުވި ޓީމްތައް 3 ވަނަ ބުރުގައި ބައްދަލުކުރާނީ މިރޭ މޮޅުވަމުންދާ ޓީމުތަކުގެ ފަޅިން ކުޅޭ މެޗުތަކުން ބަލިވާ ޓީމުތަކާއެވެ.