ޚަބަރު

ސާފް ޗެމްޕިއަންޝިޕް: ސެމީގެ ފުރަތަމަ ޖާގަ ނޭޕާލުން ކަށަވަރުކޮށްފި


  • ނޭޕާލް ދެން ކުޅެންޖެހޭނީ ގުރޫޕުގެ އެއްވަނަ ހޯދަން

  • ފަހު މެޗުގައި ނޭޕާލް ނުކުންނާނީ ރާއްޖެއާ ދެކޮޅަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ، ގުރޫޕު އޭ އިން ނޭޕާލް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ނޭޕާލުން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ނޭޕާލުން ބޫޓާނުގެ މައްޗަށް 1-2 އިން ކުރިހޯދިއިރު ދެވަނަ މެޗުގައި ލަންކާ އަތުން 0-1 އިން ވަނީ ކުރިހޯދާފައެވެ.

މި ދެ މޮޅާއެކު ނޭޕާލުން ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލިއިރު، ސެމީގެ ޖާގައެއް އެ ޓީމަށް ކަށަވަރުވީ ގްރޫޕް އޭގައި ބުދަ ދުވަހުގެރޭ ދިވެހިރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެންނެވެ.

މި މެޗު އެއްވަރުވީ 0-0 އިންނެވެ.

މިއާއެކު ނޭޕާލަށް ސެމީގެ ޖާގައެއް ކަށަވަރުވީ، އެ ޓީމަށް ލިބިފައިވާ ހަ ޕޮއިންޓާއެކު، ގްރޫޕް އޭގައި ބާކީ އޮތް މެޗުން، ދެ ޓީމަކަށް ހަ ޕޮއިންޓު ހޯދެން ނެތުމުންނެވެ.

ޕޮއިންޓު ވާވަލު މިވަގުތު އެތުރިފައިވާ ގޮތަށް ބަލާއިރު ނޭޕާލް އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އޮތް ލަންކާއަށް ދެ މެޗުން ލިބެނީ ތިން ޕޮއިންޓެވެ.

ތިންވަނައިގައި އޮތް ދިވެހިރާއްޖެއަށް އަދި ފުލުގައި އޮތް ބޫޓާނަށް އެއް ޕޮއިންޓު ލިބިފައިވާއިރު، މި ދެ ޓީމަށް ވެސް މުބާރާތުގައި ދެން އެންމެ ގިނައިން ހޯދޭނީ ހަތަރު ޕޮއިންޓެވެ.

ކޮންމެ ގުރޫޕަކުން ވެސް ދެ ޓީމަށް ސެމީގެ ޖާގައެއް ހޯދޭއިރު، ދެން މި ގުރޫޕުން ސެމީއާ އެންމެ ގާތުގައި އޮތީ ރާއްޖެ އަތުން މޮޅުވި ސްރީލަންކާއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލަންކާއިން ރަނގަޅު ފަރަގަކާއެކު ބޫޓާން ބަލިކޮށްފިނަމަ ގުރޫޕުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެ މެޗުން އެއްވަރުވި ނަމަވެސް، ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުނުވާހާ ހިނދަކު ސެމީގެ ޖާގަ ކަށަވަރުވާނީ ލަންކާއަށެވެ.

ނޭޕާލާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވިޔަސް، އެ މެޗުގައި ގިނަ ލަނޑުތަކެއް ޖެހުން އެއީ ރާއްޖެއަށް މުބާރާތުގައި ކުރިއަށްދެވެން އޮތް ހަނި ފުރުސަތެކެވެ. ރާއްޖެއަށް މުބާރާތުގައި ކުރިއަށްދާން މި ފުރުސަތު ވެސް އޮތީ ބޫޓާން އަތުން ލަންކާއަށް ތިން ޕޮއިންޓު ނުހޯދޭ ނަމައެވެ.

ނޭޕާލަށް ސެމީގެ ޖާގައެއް ކަށަވަރުވެފައިވާއިރު، މި ގުރޫޕުން ސެމީގެ ޖާގަ ކަށަވަރުކުރާ ފަހު ޓީމެއް އިނގޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށްފަހުއެވެ. 27 ވަނަ ދުވަހުގެ ހަވީރު ގްރޫޕް އޭގައި ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނައިރު، އެރޭ ކުޅޭ މެޗުގައި ލަންކާއިން ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.