ކުޅިވަރު

މުޅިން ފިޓް ނުވިޔަސް ބްރެޒިލް ޓީމުގައި ނޭމާ ހިމަނަން ޖެހޭ: ރޮމާރިއޯ


ސަތޭކަ ޕަސެންޓް ފިޓް ނުވި ނަމަވެސް ވޯލްޑް ކަޕަށް ދާ ބްރެޒިލް ޓީމުން ފޯވަޑް ނޭމާ ސަންޓޯސް އަށް ޖާގަ ދިނުމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ އަށް އެ ގައުމުގެ ކުރީގެ ފޯވަޑް ރޮމާރިއޯ ގޮވާލައިފި އެވެ.

1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދިން ފޯވަޑް މިފަދައިން ގޮވާލި ނަމަވެސް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީގެ ޕޮލިސީ އަކީ 100 ޕަސެންޓް ފިޓްނޫން ކުޅުންތެރިއަކު ނުނެގުމެވެ.

ނަމަވެސް ރޮމާރިއޯބުނީ ވޯލްޑް ކަޕަށް ދާ ގައުމީ ޓީމު އެކުލަވާލަން ޖެހޭނީ އެންމެ ފުރިހަމަ ހުނަރު ހިމަނައިގެން ކަމަށެވެ.

"އަހަރެން ނޭމާ ޓީމަށް ނަގަން ތާއީދު ކުރަން. އޭނާ ނުނަގައި ޓީމު ފައިނަލް ކުރަން ދެން އަހަރެން މި ކަމަށް ވަކާލާތު ކުރާނަން. އަހަރެން ދެކޭ ގޮތުގައި ވޯލްޑް ކަޕަށް ދާން ޖެހޭނީ އެންމެ ފުރިހަމަ ހުނަރުތައް ހިމަނައިގެން. ނޭމާ އަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް. އަހަރެން އޭނާ ނަގަން ބާރު އަޅަނީ އޭނާ ނުނަގައި އެފަދަ ދެވަނަ ހުނަރުވެރިޔަކަށް ގޮވާ ނުލެވޭނެތީވެ،" ރޮމާރިއޯ ބުންޏެވެ.

ކުރިން ބާސެލޯނާގައި ވެސް މޮޅު ކުޅުމެއް ދެއްކި ރޮމާރިއޯ އަކީ މިހާރު ބްރެޒިލްގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ރިއޯޑިޖެނީރޯގެ ސެނެޓަރެކެވެ. ނޭމާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޮމާރިއޯ ބުނީ ކޯޗު ކާލޯ އަންޗެލޯޓީ ނޭމާ އަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

"އަހަރެން އުއްމީދު ކުރަން ނޭމާ ދަނޑުމަތީގައި އޭނާގެ ފިޓްނަސް ސާބިތު ކޮށްދޭނެ ކަމަށް. އެކަމަކު ވެސް އޭނާ މުޅިން ފިޓްނުވިޔަސް ޖާގަ ދިނުން ރަނގަޅު. ކޯޗަށް އަހަރެން ގޮވާލަނީ ނޭމާ އަށް ހާއްސަ ސަމާލުކަމެއް ދޭން. އަހަރުމެން ހަ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރަން އުޅޭއިރު އޭނާ އަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ،" ރޮމާރިއޯ ބުންޏެވެ.

އުމުރުން މިހާރު 34 އަހަރުގެ ނޭމާ އެންމެ ފަހުން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށް އޭގެ ފަހުން ޓީމުގެ ސްކޮޑުން ޖާގަ ލިބުމާ ގާތަށް ދިޔައީ ވެސް މީގެ ދެ ހަފުތާ ކުރިންނެވެ. ނަމަވެސް އަންޗެލޯޓީ އެންމެ ފަހު ވަގުތު ނޭމާ ސްކޮޑަށް ނުނެގީ އަނެއްކާ ވެސް އަނިޔާގެ މައްސަލަތައް ދިމާވުމުންނެވެ.

ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ފަހުން އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ނޭމާ ބްރެޒިލްގެ ލީގަށް ބަދަލުވީ ވެސް ވޯލްޑް ކަޕުން ޖާގަ ހޯދުމަށެވެ. ނޭމާގެ ބަދަލުގައި އޭނާ އެންމެ ފަހުން ޖާގަ ދީފައިވަނީ ޒުވާން ފޯވަޑް އެންޑްރިކަށެވެ. ވޯލްޑް ކަޕުން ޖާގަ ނުލިބިއްޖެ ނޭމާ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް އޭނާގެ ގާތް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.