ޚަބަރު

ޢީދު ބައިބަލާ: ކްލަބް ޓީނޭޖް 2-0 ޖަނަވަރީޔަންސް


ޢީދު ބައިބަލާ 1447ގެ ލޫޒާސް ބްރެކެޓްގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ކްލަބް ޓީނޭޖް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ކްލަބް ޓީނޭޖް ދެވަނަ ބުރަށް ދިޔައީ ޖަނަވަރީޔަންސް އާއި ބައްދަލުކުރި މެޗު ސީދާ ދެގޭމުން ކާމިޔާބުކޮށްގެންނެވެ.

ކްލަބް ޓީނޭޖުން މެޗުގެ ފުރަތަމަ ގޭމްގައި އެތެރެއިން ކުޅެންއަރާ ބޭރުން ކުޅުނު ޖަނަވަރީޔަންސްގެ ހުރިހާ ކުޅުންތެރިން ވަނީ ހިފަހައްޓާލާފައެވެ. 20-3 ގެ ތަފާތު ބޮޑު ސްކޯއަކުން އެތެރެ ގޭމް ކާމިޔާބުކުރިއިރު ޓީނޭޖު ޓީމުގެ ސޮލާޙް އަލީ ވަނީ 4 ކުޅުންތެރިން ހިފަހައްޓާލާފައެވެ. މީގެއިތުރުން ހުސެއިން ރަޝީދު ވަނީ އެއްފަހަރު ނުބައިވެގެން 3 ކުޅުންތެރިން ހިފަހައްޓާލާފައެވެ.

ދެވަނަ ގޭމްގައި ބޭރުން އަރާ ޓީނޭޖް މެޗު ކާމިޔާބުކުރީ 11-2 އަކުންނެވެ. ޖަނަވަރީޔަންސް އިން މެޗު މި ގޭމް ދޫކޮށްލީ ސްކޯ އެނބުރި އެންމެ ކުޅުންތެރިއަކަށްވީ ހިސާބުންނެވެ.

ބޭރު ގޭމްގައި ޓީނޭޖުން އެންމެ ރަނގަޅަށް ކުޅުނީ އިބްރާހިމް ވިސާމްއެވެ. ވިސާމް ވަނީ މި ގޭމުގައި 7 ކުޅުންތެރިން ނުބައިކޮށްފައެވެ. މީގެ އިތުރުން އަހުމަދު އާތިފް ވަނީ އިތުރު 2 ކުޅުންތެރިން ނުބައިކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓީނޭޖްގެ ވިސާމްއެވެ.