ޚަބަރު

އިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފި


  • ޖުމްލަ 6000 އަށްވުރެ ގިނަ އޮފިޝަލުން

  • ސެޝަންތަކުގައި ހުރިހާ އޮފިޝަލުންވެސް ބައިވެރިވާނެ

  • މާލޭގެ 3 ތަނެއްގައި ސެޝަންތައް ކުރިއަށްގެންދާނެ

އަންނަ މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބާއްވާ ރިފްރެޝަރ ސެޝަންތައް ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯޓުފޮށި ބަހައްޓާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ހިންގާ ރިފްރެޝަރ ސެޝަންތައް މިއަދު 14:00 އިން މިރޭ 11 ޖަހަންދެން ކުރިޔަށްދާނެ ކަމަށެވެ. އަދި މުޅިރާއްޖޭގައިވެސް މިހަރަކާތްތައް ބާއްވަމުންދާ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި ހަރަކާތަކީ އޮފިޝަލުން ތަމްރީނުކުރުމާގުޅޭ އެންމެ ފަހު މަރުހަލާކަމަށެވެ. މާލޭގައި މި ހަރަކާތް ޖުމްލަ 3 ތަނެއްގައި ކުރިއަށްގެންދައެވެ.

މާލޭގައި ރިފްރެޝަރ ސެޝަންތައް ބާއްވާ ތަންތަން

  • ގަލޮޅު މަދަރުސާ
  • އިންތިޚާބުތަކާބެހޭ މަރުކަޒު (ޑްރަގް ކޯޓު)
  • ސޯޝަލްސެންޓަރު

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިފަރެންޑަމް ވޯޓަށް ބޭނުންވާ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މި އިންތިޚާބުގައި އޮފިޝަލުންގޮތުގައި ޖުމްލަ 6000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެއެވެ. އަދި މި އިންތިޚާބަށް އިދާރީ މުވައްޒަފުންގެ ގޮތުގައި އިތުރު މުވައްޒަފުން އިލެކްޝަންސްކޮމިޝަނުން ވަނީ ނަގާފައިކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާއިރު، ފުރަ މާލޭގައި 180 ފޮށި، ހުޅުމާލޭގެ ދެ ފިޔަވަހީގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮށި ބަހައްޓާއިރު، ޖަލުތަކުގައި 5 ފޮށި ބަހައްޓާނެއެވެ.