ޚަބަރު

ޢީދު ބައިބަލާ: ޓީއެފްޓީ އާއި އޮޑިއަށް ފަސޭހަ މޮޅެއް


ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ، ޢީދު ބައިބަލާ ޗެލެންޖު 1447ގެ ދެވަނަ ރޭގެ ފުރަތަމަ މެޗުން މުބާރާތައް އެންމެ ރަނގަޅަށް ތައްޔާރުވި އެއްޓީމުކަމުގައިވާ އޮޑި ސްޕޯޓްސް ކްލަބުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އެސްޑީޒެޑް ޝާކްސް އާއި ބައްދަލުކުރި މިމެޗުގައި އޮޑިން ފުރަތަމަ މޭމްގައި އެތެރެއިން ކުޅެވަނީ ތަފާތު ބޮޑު ސްކޯއަކުން ގޭމް ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ގޭމްގައި ބޭރުން އަރާ މިނެޓެއްގެ ތެރޭގައި އޮޑީގެ ކުޅުންތެރިއަކު ނުބައިނުވެ ވަނީ ގޭމް އަނބުރާލާފައެވެ. މިމެޗުގައި މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އެތެރެ ގޭމްގައި ތަފާތުދެއްކި މުހައްމަދު މަޙްފޫޒްއެވެ.

މުބާރާތުގެ ދެވަނަ ރޭގައި ޖުމްލަ 9 މެޗެއް ވަނީ ކުޅެވިގެންގޮސްފައެވެ. މިގޮތުން ކުޅެވުނު ދެވަނަ މެޗުގައި އޮޑި ޓައިޓަންސް ވަނީ ޒެޕޯ ނިއު ޖެނެރޭޝަންގެ މައްޗަށް 2 ގޭމުން ކުރި ހޯދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އޮޑި ޓައިޓަންސްގެ ޝާފިއު އިބްރާހިމްއެވެ.

އެންމެ ފަހުގެ މިސްޓަރ ބައިބަލާ އާއެކު ނިކުތް ޒެޕޯ ސްޕޯޓްސް ކްލަބުން ވަނީ މީގެކުރިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީސީ ޓީމުގެ ކުޅުންތެރިން ހެމެނުނު ޓީސީ ކްލޭސިކްގެ މައްޗަށް ސީދާ 2 ގޭމުން ކުރި ހޯދާފައެވެ. ޓީސީ ކްލެސިކް ޓީމުން ބައިބަލާގައި މީގެކުރިން ފާހަގަކުރެވިގެންދިޔަ މަޝްހޫރު ކުޅުންތެރިން ފެނިގެންދިޔައިރު ޒެޕޯ އަކީ ބައިބަލާއަށް އާޓީމެއްނަމަވެސް އެޓީމުން ވަނީ މިދިޔަ އަހަރު ވަރުގަދަ ބޮޑެތި ޓީމުތައް މުބާރާތުން ކަޓުވާލާ ފެންވަރު ދައްކާލާފައެވެ. ޓީސީ ކްލޭސިކް އާއި ޒެޕޯ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޒެޕޯގެ އަހުމަދު ރަނީންއެވެ.

ހައްހާ ވައިކަންމައްޗާއި ވެސްޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި ފޯރިގަަދަ މެޗު ސީދާ ދެގޭމުން ކާމިޔާބުކުރީ ހައްހާ ވައިކަންމަތިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އިބްރާހިމް ޒިރްފާއުއެވެ.

ޖަނަވަރީމަގު ސްޕޯޓްސް ކްލަބާއި އަލްފާ އޮލްވްސް ބައްދަލުކުރި މެޗު ދެގޭމުން ކާމިޔާބުކުރީ އަލްފާ ވޮލްވްސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ވޮލްވްސް ޓީމުގެ މުހައްމަދު އިކާން ޝަނީޒްއެވެ.

ލޮރެންޒޯ ހައީނާސް އާއި ޖޭއީބީ ޔުނައިޓެޑްގެ ކުރިމަތިލުން ދެ ގޭމުން ކާމިޔާބުކުރީ ޖޭއީބީ ޔުނައިޓެޑްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޖޭއީބީގެ ލިޒްފާންއެވެ.

ރާއްޖޭގައި ބައިބަލާ ކުޅިވަރެއްގެ ގޮތުގައި ފެށިގެން އައި ދުވަސްވަރުގެ ވަރުގަދަ ނަންތަކެއް ފެނިގެންދިޔަ ޓީނޭޖް ވެޓަރަންސްގެ މައްޗަށް ކްލަބް އޯވަންއޯ ކުރި ހޯދީ 2 ގޭމުވެސް ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް އޯވަންއޯގެ އަހުމަދު ޒައީމެވެ.

ވީކޭ ސްޕޯޓްސް ކްލަބާއި ވީއެންޓީ ސްޕޯޓްސް ބައްދަލުކުރި ދެގޭމުން ކާމިޔާބުކުރީ ވީއެންޓީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީއެންޓީގެ އަބްދުﷲ ޝާމިންއެވެ.

ދެވަނަ ރޭގެ މެޗުތަކުގެ ތެރެއިން އެންމެ ފަހު މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ޓީއެފްޓީ ވަނީ ލައަންސް އެންޑް ޓައިގަރސްގެ މައްޗަށް ދެ ގޭމުން ކުރި ހޯދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓީއެފްޓީގެ މަމްދޫޙް މުހައްމަދެވެ.

މި މުބާރާތުގެ ކުޅުން މިރޭވެސް ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހަދާފައިވާ ބައިބަލާ މައިދާނުގައި ކުރިއަށްދާނެއެވެ.