ޚަބަރު

ޢީދު ހަވީރު: 3 ދުވަހުވެސް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް


  • މާލެ، ހުޅުމާލެ އަދި ވިިލިމާލޭގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފަވޭ

  • މި ހަރަކާތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފަވޭ

ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ "ޢީދު ހަވީރަށް" މިއަދުވެސް ވަނީ ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައެވެ. މިއަދަކީ، މި ޢީދު ހަވީރު ކުރިއަށް ގެންދިޔަ އެންމެ ފަހު ދުވަހެވެ.

ޢީދު ހަވީރުގެ ހަރަކާތްތައް މާލޭގެ އިތުރުން މިއަދުވެސް، ހުޅުމާލެ ފޭސް1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލޭގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

"ޢީދު ހަވީރު" މި ހަރަކާތަކީ، ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، މުޢައްސަސާތައް ހިމެނޭގޮތުން 12 ފަރާތެއްގެ ބައިވެރިވުމާއެކު ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މިއަހަރުގެ މި ހަވީރު މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ކުރިއަށް ގެންދިޔައެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ޢީދު ހަވީރުގެ ހަރަކާތްތައް އިންތިޒާމްކޮށްފައިވަނީ، އެކި ޢުމުރުފުރާގެ މީހުން ޝައުޤުވެރިވާނެ ތަފާތު ގިނަ ހަރަކާތްތަކާ އެކީގައެވެ. މި ހަރަކާތްތަކާއި ކުޅިވަރުތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ޢީދު ހަވީރުވެސް އިންތިޒާމް ކުރުމުގައި ސަރުކާރު ޙިއްސާވާ އެކި ކުންފުނިތަކުން ބައިވެރިވެފައިވެއެވެ. އަދި ބައިވެރިވި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ގިނަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.

މިއަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ޢީދު ހަވީރު 3 ދުވަހަށް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ، ޢީދު ދުވަހާއި، އެއާއި ވިދިގެން އައި ދެ ދުވަހެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެެވެ. ޖުމްހޫރީ މައިދާން ސަރަޙައްދުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފަވަނީ، އިސްލާމީ މަރުކަޒު ކުރިމަތީގައި އޮންނަ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމުގެ އިތުރުން ފަޅުތެރެވެސް ހިމެނޭ ގޮތަށެވެ.