1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، މުޅި ދުނިޔެއަށް ބަލާލާއިރުވެސް އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ޤުދުރަތީ އެއް ވަޞީލަތަކަށް މީރުފެން ވުމާއެކު، އެކަމާމެދު ހޭލުންތެރިކަން އިތުރުކޮށް ކުރިމަތިވަމުން މިދާ ކާރިސީ ޙާލަތްތަކަށް ތައްޔާރުވުމަށް ބާރު އެޅުމެވެ.
ރާއްޖޭގައި ދިރިއުޅޭ އާބާދީއާއި އެކަށީގެންވާ ވަރަށް ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްޑަބްލިއުއެސްސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެން ރައްކާ ކުރުމުގެ ކެޕޭސިޓީ އިތުރު ކުރަމުންދާއިރު، ތަފާތު އީޖާދީ ގޮތްތައް ބޭނުންކޮށްގެން ފެން އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ފެން ރައްކާ ކުރުމާއި ފެން ފޯރުކޮށްދިނުމުން ފެށިގެން ފެން އުފެއްދުމަށް ގިނަ މަސައްކަތްތަކެއްކޮށް އަދި ކުރަމުންދާ ކަމަށެވެ. މާލޭ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ސިނަމާލެ ބުރިޖް މެދުވެރިކޮށް ގުޅާލާ މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ، ފެނުގެ ރައްކާތެރިކަމަށް ބަލާއިރު މި ހޮޅި ބޭނުން ކޮށްގެން ދުވާލަކަށް 20000 ޓަނުގެ ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.
މަތީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ފެން ރައްކާ ކުރުމަށް ކުރާ މަސައްކަތްތަކުގެ މުހިންމު ވާހަކަތަކެއް ޙިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގައި ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން 10 ހާސް ޓަނުގެ ތާނގީއެއްގެ މަސައްކަތް 2025 ގައި ނިންމާ ބޭނުންކުރަން ފަށާފައިވާއިރު، 13 ހާސް ޓަނުގެ ދެ ތާނގީގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާ ސަރަޙައްދަށް އަމާޒުކޮށް އިތުރު 13 ހާސް ޓަނުގެ ފެން ރައްކާ ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތްތައް 2027 ގައި ނިމިގެން ދާއިރު، މާލެ ސަރަޙައްދުގެ ފެން ރައްކާ ކުރުމުގެ ޤާބިލުކަން %130 އަށް އިތުރު ވެގެންދާނެއެވެ.
މާލޭ ސަރަޙައްދުގައި ފެން އުފައްދާ މިންވަރު 2025 ވަނަ އަހަރުގެ ތެރޭގައި %16 އިތުރު ކޮށްފައިވާއިރު، މިހާރު ކުރިޔަށްދާ 5000 ޓަނުގެ ފެން އުފެއްދުމުގެ މަސައްކަތް ނިންމާލުމަށްފަހު މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ. މިއާއެކު މިސަރަޙައްދުގައި ފެން އުފެއްދުމުގެ ޤާބިލްކަން %25 އަށް އިތުރުކޮށްފައިވާ ކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، މިއަހަރު ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަމުންދާއިރު އެމްޑަބްލިއުއެސްސީން ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި އައު ހަރުފަތަކަށް އާދެވިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ހުރި ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއްގެ މަަސައްކަތް ހދ.ކުޅުދުއްފުށީގައި ފަށާފައިވާ ކަމަށެވެ. ޑީސަލް ބޭނުން ނުކޮށް ފެން އުފެއްދުމުގެ މިމަސައްކަތް މިހާރު ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގައި 500 ކިލޯ ވޮޓުގެ އިރުން ހަކަތަ އުފެއްދޭ ސޯލާ ސިސްޓަމަކާއި، ހަކަތަ ރައްކާ ކުރާ 1450 ކިލޯ ވޮޓުގެ ބެޓަރީ ސިސްޓަމެއްގެ އިތުރުން ފެން އުފައްދާ 500 ޓަނުގެ އާރ.އޯ ފެން ޕްލާންޓެއް ހިމެނެއެވެ.
" ޑީސަލާއި ނުލާ ފެން ކަހަލަ އަސާސީ ޚިދުމަތެއް ފޯރުކޮށްދެވުމަކީ، ވަރަށް ބޮޑު ރައްކާތެރި ކަމެއް. އެއީ، ހަނގުރާމައިގެ ހާލަތެއްވިއަސް، ޤުދުރަތީ ކާރިސާއެއްވިއަސް އަދި ހަމަ އިޤްތިސާދީ ގޮތުން ބެލިކަމުގައިވީ ނަމަވެސް ޑީސަލް ގަންނަން މި ހޭދަކުރަންޖެހޭ ޑޮލަރު އަދި އަގަށް ގެންނަންޖެހޭ ބަދަލު، އަގު ސީދާ ކޮންސިއުމާރ ޕާސް ނުކުރި ކަމުގައިވީނަމަވެސް ކޮންމެ އެއްދިމާލަކުން އެ ފްރަކްޗުއޭޝަން އެބަ ޖެހޭ އޮބްޒާރވް ކުރަން. އެވެދާނެ ކުންފުނީގެ ޚަރަދުތަކުންވިއަސް ނުވަތަ ދައުލަތުގެ ޚަރަދުތަކުގެ ތެރެއިންވިއަސް. އަސާސީ ޚިދުމަތްތަކުގައި އާންމު ރައްޔިތުންނަށް އަގުތަކަށް އަންނަ ބަދަލުތައް އިޙްސާސް ނުކުރެވުނު ކަމުގައިވީނަމަވެސް ދައުލަތުގެ ބަޖެޓަށް އެކަން ވަރަށް ބޮޑަށް އިޙްސާސް ކުރެވޭނެ ސަބްސިޑީތަކުގެ ތެރޭންލާފައި. މިގޮތަށް މި ނިޒާމް ޤާއިމްވެގެން ދިޔުމަކީ، އެއީ ފެނުގެ ޚިދުމަތް ރާއްޖޭގައި ޤާއިމްވުމުގެ އައު މަރުޙަލާއެއް" މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގައި އެމްޑަބްލިއުއެސްސީން ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީއަށް އަދި ޚިދުމަތް ދިނުމުގައި ޑީސަލް ބޭނުންނުކޮށް ރާއްޖޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެރަށަކަށް ބޭނުންވާ ފެން އެރަށެއްގައި އުފެއްދުމަކީ، ލިބުނު ބޮޑު ރައްކާތެރި ކަމެއް ކަމަށްވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.