ޚަބަރު

ފައިނަލުގައި ސިޓީގެ ގޯލު ބަލަހައްޓާނީ ޒުވާން ކީޕަރު ޓްރެފަޑް


ކަރަބާއޯ ކަޕްގެ ފައިނަލުގައި މާދަމާ އާސެނަލް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗުގައި ސިޓީގެ ގޯލު ބަލަހައްޓާނީ ޒުވާން ގޯލުކީޕަރު ޖޭމްސް ޓްރެފަޑް ކަމުގައި ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕެޕް ގަޑިއޯލާ ބުނެފައިވަނީ ޑޮމެސްޓިކް މުބާރާތްތަކުގައި މީގެ ކުރިންވެސް ޓްރެފަޑް އަށް ފުރުސަތު މި މެޗުގައިވެސް އޮންނާނެ ކަމަށެވެ.

"ޑޮމެސްޓިކް މުބާރާތްތަކުގައި އަހަރެން ގެންގުޅުނު ޕޮލިސީ އަކީ ޓްރެފަޑް އަށް ފުރަތަމަ ޓީމުން ފުރުސަތު ދިނުން އަދި އެކަން އެގޮތަށް ފައިނަލް މެޗުގައިވެސް އޮންނާނީ." ގަޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގެ ކްލަބް ބާރންލީ އިން މިދިޔަ ހޫނު މޫސުމުގައި އުމުރުން 23 އަހަރުގެ ޓްރެފަޑް ގުޅިފައިވަނީ 27 މިލިއަން ޕައުންޑުގެ ފީއަކަށެވެ. އަދި އޭނާ އެ ޓީމާއި ގުޅުނު ފަހުން އެޑަސަންގެ ބަދަލުގައި ދެވަނަ ކީޕަރެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ޓްރެފަޑް އެވެ. އޭނާ އަށް ފުރަތަމަ ޓީމުން ފުރުސަތު ގެއްލުނީ ޕީއެސްޖީގެ ކުރީގެ ކީޕަރު އިޓަލީގެ ޖިއާންލުއިޖީ ޑޮންނަރޫމާ އެ ޓީމާއި ގުޅުނު ހިސާބުންނެވެ.

ޓްރެފަޑް ވަނީ މީގެ ކުރިން އޭނާއަށް ކުޅުމުގެ ފުރުސަތު މަދުން ލިބޭނީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ނަމަވެސް ގަޑިއޯލާ ބުނެފައިވަނީ ކުޅުންތެރިން ބޭނުންވާނީ ކުޅުމުގެ ފުރުސަތު ބޮޑު ކުރަން ކަމަށާއި ބައެއް ފަހަރު ހިތްހަމްޖެހިފައި ތިއްބަސް އަނެއްބައި ވަގުތުތަކުގައި ހިތްހަމަނުޖެހުންވެސް ހުންނާނެ ކަމަށެވެ.

އާސެނަލް އާއި ދެކޮޅަށް ސިޓީ ފައިނަލް މެޗުގައި ނިކުންނައިރު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ މި މެޗަށް އެ ޓީމުން ނިކުންނާނީ ގިނަ ދުވަސްތަކެއް ވަންދެން ތަށްޓެއް ނުލިބިއޮތް ހަނދާންކޮށް އެކަމަށް ނިމުމެއް ގެނައުމުގެ ވިސްނުމުގައި މެޗުން މޮޅުވާން ކަމަށެވެ.