ޚަބަރު

ފިޠުރު ޒަކާތުން ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ފަލަސްޠީނަށް!


  • މި އެހީ ޙަވާލުކޮށްފައިވަނީ އިސްރާ އެސޯސިއޭޝަނާ

  • ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚަރަދުކުރާނެ

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ، ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާއި ހަވާލު ކޮށްފިއެވެ.

އިސްރާ އެސޯސިއޭޝަން މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމެވެ. ޚާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓްރަސްޓް ފަންޑަށް 423,749 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި 3 އަހަރާ އަޅާބަލާއިރު އެންމެ ގިނައިން ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ މިއަހަރެވެ. ފަޤީރުންގެ ދަފްްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައި ނިމިފައިވާއިރު، މިއަހަރު ބަހާފައިވަނީ ބޮލަކަށް 6,000 ރުފިޔާގެ މަގުންނެވެ.