ޚަބަރު

އީރާނުގެ އެދުމަށް ފީފާއިން ބީރު ކަންފަތެއް، މެޗުތައް ކުޅޭނީ އެމެރިކާގައި


  • އީރާނުން އެދުނީ މެކްސިކޯގައި މެޗުތައް ކުޅެން

  • އީރާންގެ ފުރަތަމަ މެޗު އޮންނާނީ ޖޫމް 12 ވަނަ ދުވަހު

މި އަހަރުގެ ވޯލްޑް ކަޕުގައި އީރާނުން ކުޅޭ މެޗުތައް، މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެދި އެ ޤައުމުން އެދިފައިވާ އެދުމާ އެއްގޮތަށް ކަން ނުކުރާނެކަމަށް ފީފާ އިން ބުނެފިއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން ގުޅިގެން ހޯސްޓުކުރާ މި ފަހަރުގެ މުބާރާތުގައި އީރާން ހިމެނުނީ ގްރޫޕް ޑީގައެވެ. އެ ގުރޫޕުގެ ހުރިހާ މެޗެއް ވެސް ކުޅެން އޮތީ އެމެރިކާގައެވެ.

އެމެރިކާއާއި ޔަހޫދީ ދައުލަތް އިސްރާޢީލުން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައާއި ނުތަނަވަސްކަމުގެ ސަބަބުން އީރާނުން ވަނީ، އެ ޤައުމުން ކުޅެން އޮތް މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދޭން، ރަސްމީކޮށް ފީފާގައި އެދިފައެވެ.

އީރާނުގެ މި އެދުމަށް ޖަވާބުދީ ފީފާއިން ބުނީ، މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ކުރިއަށް ދާނީ، މިދިޔަ އަހަރު އާންމުކުރި ތާވަލާ އެއްގޮތަށް، އެ މެޗެއް ކުޅެން އޮތް ދުވަހެއްގައި، އެ މެޗެއް ކުޅެން އޮތް ތަނެއްގައި ކަމަށެވެ. މުބާރާތުގެ ތާވަލަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ފީފާއިން ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހު 28 ވަނަ ދުވަހު ފެށި މި ހަނގުރާމައާ ގުޅިގެން، އީރާނުން ވޯލްޑް ކަޕުގައި ބައިވެރިވުމާ މެދު އޮތީ ސުވާލު އުފެދިފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ފާއިތުވީ ހަފްތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، މި މުބާރާތަށް އަންނަ އީރާނުގެ ޓީމަށް މަރުހަބާ ކިޔާނެ ކަމަށާއި އެހެންނަމަވެސް އީރާން ޓީމުން އެމެރިކާއަށް އައުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އެމެރިކާއަށް ނައުން އެއީ އީރާން ޓީމަށް އެންމެ ބުއްދިވެރި ގޮތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕަށް ރައްދުދެއްވައި އީރާން ފުޓުބޯޅަ ޓީމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ވޯލްޑް ކަޕުގައި އީރާން ބައިވެރިވުން، އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އީރާން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް މެހްދީ ތާޖް ވެސް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މެހްދީ ވިދާޅުވީ، އީރާން ޓީމަށް އެމެރިކާއިން ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނެކަމަށް ޓްރަމްޕް ވިދާޅުވަނިކޮށް، އެ ޤައުމަށް އީރާން ޓީމު ހަމަ ގައިމުވެސް ނުދާނެ ކަމަށެވެ.

އެހެންނަމަވެސް ފީފާއާއެކު އިތުރު މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހެދޭނެ ގޮތަކާމެދު ފީފާއާއެކު މަޝްވަރާކުރައްވަމުންދާކަމަށް މެހެދީ ވިދާޅުވި ނަމަވެސް، ފީފާއިން މިހާރު ނިންމާފައިވާ ނިންމުމާއެކު، ދެން އީރާނުން ވޯލްޑް ކަޕުގައި ބައިވެރިވެދާނެކަމާމެދު ވަރަށް ބޮޑަށް މިވަނީ ޝައްކު ހީވެފައެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ގޮތުގައި ބެލެވޭ ފީފާ ވޯލްޑް ކަޕުގެ މި އަހަރުގެ އެޑިޝަން ފަށާނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ، މެކްސިކޯއާއި ސައުތު އެފްރިކާއެވެ. އީރާން ކުޅެން އޮތް ފުރަތަމަ މެޗު އޮންނާނީ ޖޫން 16 ވަނަ ދުވަހުއެވެ.