ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅިވަރު ހަރަކާތްކަމަށްވާ ޢީދު ބައިބަލާގެ މި އަހަރުގެ އެޑިޝަންގައި މެޗުތައް ކުޅޭ، ހައިބަތުބޮޑު، ޝަހުސިއްޔަތު ވަރުގަދަ މައިދާނުގެ މަސައްކަތްތައް ނިމުމަކާ ގާތްވެއްޖެއެވެ.
މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭ ސެންޓްރަލް ޕާކާ ދިމާލުގައި އޮންނަ ހުސް ބިމުގައެވެ.
ތަފާތު ބޮޑު، ގިނަ ބަދަލުތަކަކާއެކު މިހާ ކުލަގަދަކޮށް ބައިބަލާ މައިދާން ތައްޔާރުކޮށް ކުޅެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ.
ގިނަބައެއްގެ ސަމާލުކަމާއި ޝައުގުވެރިކަން ހުއްޓި، ތައުރީފުގެ ބަސްތައް އެފަހަރުގެ މައިދާނަށް ވެސް ލިބިފައިވާއިރު، މި ފަހަރު ވެސް މައިދާން ތައްޔާރުކުރުމުގެ ބުރަ ޒިންމާއާ ހަވާލުވެ އެ މަސައްކަތް ކުރަމުން ދަނީ މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރ ސްޓޭޖް ކޯ އިންނެވެ. އަދި މައިދާން ތައްޔާރުކުރުމުގައި ހޯސްޓިން ޕާޓްނަރ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވެސް އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ބައިބަލާ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ސައީދު އަލީ ވިދާޅުވީ، މައިދާނުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.
"އަޅުގަނޑުމެން މައިދާނުގައި ކުރިއަށް މިދަނީ މައިދާން ތައްޔާރުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް. މި މަސައްކަތްތަކުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އެޗްޑީސީ، އަޅުގަނޑުމެންގެ ހޯސްޓިން ޕާޓްނަރުގެ ފަރާތުން. އެޗްޑީސީގެ އިތުރުން މައިދާން ތައްޔާރުކުރުމުގައި ސްޓޭޖް ކޯ އާއި އާރްޑީސީގެ އެހީތެރިކަމާއެކު މިބުރު މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. މިއަދުާނުގެ 80 އިންސައްތަ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައި މިވަނީ. މިހާރު ކުރިއަށް ދަނީ އެންމެފަހުގެ މަސައްކަތްތައް" މަސައްކަތްތަކުގެ އެންމެފަހުގެ އަދާހަމަ ހިއްސާކުރައްވައި ސެކެޓްރީ ޖެނެރަލް ސައީދު އަލީ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، މިފަހަރުގެ މުބާރާތް ބާއްވަން އިއުލާނުކުރީ މި މަހުގެ 21 ގައި ކަމަށާއި، މޫސުން ތަންދޭނަމަ، ތާވަލަށް އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ޖުމްލަ 38 ޓީމަކުން ބައިވެރިވެފައެވެ. މިއީ މިދިޔަ އަހަރުގެ މުބާރާތާ އަޅާ ބަލާއިރު 10 ޓީމު އިތުރު އަދަދެކެވެ. މި ފަހަރުގެ މުބާރާތް ވެގެންދާނީ އެންމެ ގިނަ އަދަދެއްގެ މެޗުތައް ކުޅެވޭ ބައިބަލާ މުބާރާތަށެވެ.
ޖުމްލަ 72 މެޗު މި ފަހަރުގެ މުބާރާތުގައި ކުޅޭއިރު، މެޗުތައް ގިނަވެފައިވަނީ މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާ ގުޅިގެންނެވެ. އެ ބަދަލުތަކުގެ ތަފްސީލު، ސައީދު ވަނީ ހިއްސާކުރައްވާފައެވެ.
"މުބާރާތުގެ ފޯމެޓަށް މި ގެނައި އެންމެ ބޮޑު ބަދަލަކީ ރައުންޑް 1 އިން ފެށީގެން ގޮސް ކުއާޓަރ ފައިނަލާ ހަމައަށް ޓީމުތައް ކުޅެމުންދާނީ ޑަބަލް އެލިމިނޭޝަން. އޭގެ މާނައަކީ ފުރަތަމަ ރައުންޑުގައި ބަލިވާ ޓީމު، ދެވަނަ ރައުންޑުގައި ލޫޒާސް ބްރެކެޓުން އެ ޓީމުތަކަށް އަދި އެއް މެޗު ލިބިގެންދާނެ. ނަމަވެސް ކުއާޓަރ ފައިނަލާ ހަމައިން ކޮޅަކުން ހަތަރު ޓީމު ގޮސްގެން ކުއާޓަރ ކުޅޭނީ. އެ ހިސާބުން ދެން އިންނާނީ ސިންގަލް އެލިމިނޭޝަން". މުބާރާތުގެ ފޯމެޓަށް އައި ބަދަލު ތަފްސީލްކޮށްދެއްވައި ސައީދު ވިދާޅުވިއެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ޢީދު ބައިބަލާ ޗެލެންޖް 1447 ގެ ޓައިޓްލް ސްޕޮންސަރަކީ ޗާޖްޑް ގޯލްޑްއެވެ.
ބައިބަލާ އެސޯސިއޭޝަންގެ އީދު ބައިބަލާ ޗެލެންޖް 1447 ގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ "ޔެސް ޓީވީ" އިން ވަގުތުން ގެނެސްދޭނެއެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ހައިބަތު ބޮޑުކޮށް ބޭއްވި ބައިބަލާ ޗެލެންޖު މިދިޔަ އަހަރު ބާއްވާފައިވާއިރު އެ ފަހަރުގެ ޗެލެންޖުގެ ވެސް މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ.
އީދު ބައިބަލާ ޗެލެންޖް 1446 ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ބައިބަލާ މައިޒާން ފެނިގެންދިޔައީ، މީގެކުރިން ދުވަހަކު ވެސް ފެނިގެންނުދާހާ ފުރިހަމަކޮށް، ކުލަގަދަކޮށެވެ.
ބައިބަލާ އަކީ ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު، ގިނަބަޔަކު އިންތިޒާރުކުރާ މުބާރާތެކެވެ.