މ. ދިއްގަރުގައި ތަރައްގީކުރުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓުގެ އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދިއްގަރުގައި 75 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގައެވެ.
މި މަސައްކަތުގެ އަދާހަމަ ޙިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ، މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ ފައުންޑޭޝަން އެޅުމަށް އެތަން ކޮނުމުގެ މަސައްކަތްތައް ކަމަށެވެ. ދިއްގަރުގައި ތަރައްޤީ ކުރަނީ، 1،000 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ. އެ ހައުސިން ޔުނިޓުތަކުގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭ ގޮތަށް 1000 އަކަފޫޓު ބޮޑުމިނުގެ 75 ހައުސިންގ ޔުނިޓެވެ.
10 ހެކްޓަރުގެ ކުޑަ ދިއްގަރުގެ އާބާދީ 1300އަށް އަރައެވެ. ރަށުން ބޮޑު ބައެއް ގިރާފައިވާތީ، ރަށަށް ވަނީ ބިމުގެ ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެކަން ޙައްލު ކުރުމަށް ރަށަށް ބިން އިތުރުކޮށް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 25 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އެއަށްފަހު އެސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތްތައް ކޮށްފައިވާއިރު 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްވަނީ ޖަހާފައެވެ. އަދި 138 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ވަނީ ލާފައެވެ. މީގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއްވެސްވަނީ ޖަހާފައެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 75 ހައުސިން ޔުނިޓުގެ މަޝްރޫޢަށް އިތުރަށް ފުޅާކޮށް، ތަރައްޤީގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ސޮއިކުރި 30 އެނދުގެ ހޮސްޕިޓަލް ވެގެންދާނީ، ރަށަށް ސިއްޙީ ޚިދުމަތްތައް އިތުރުކުރެވި، ވަރުގަދަ ކުރެވިގެންދާނެ މަޝްރޫޢަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޢުމްރާނީ ތަރައްޤީގެ މަސައްކަތުގެ ތެރޭގައި ބަނދަރުގެ ޖާގައާއި ހަލާކުވެފައިވާ ބައިތައް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ނިންމަވާފައެވެ. އަދި ސްކޫލަށް އިތުރު 9 ކްލާސް ރޫމާއި، މަލްޓި ޕަރޕަސް ހޯލެއް ހިމެނޭހެން އިމާރާތެއް ބިނާ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދިއްގަރާއި މުލަކަތޮޅަކީ، މަސްވެރިކަމުގެ ސިނާޢަތް ފުޅާ ސަރަޙައްދަކަށް ވުމާއެކު، މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.