ޚަބަރު

ފެރީ ޓާމިނަލްއިން އިއްޒުއްދީން ފާލަމާ ހަމައަށް ތަރައްޤީކުރަން މަގު ބަންދުކުރަނީ


  • 700 މީޓަރު ސަރަޙައްދެއް ތަރައްޤީކުރާނެ

  • ބަނދަރު ތޮށި އައު ކުރާނެ

  • ތަރައްޤީކުރާނީ 4 ސެގްމަންޓް އެއްކޮށް ބަންދުކޮށްގެން

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވަނީ، ބޮޑުތަކުރުފާނު މަގުގެ ފޭސް1ގެ ބާކީ ހިމެނޭ 4 ސެގްމަންޓްގެ މަސައްކަތެކެވެ.

ފޭސް 1ގައި ހިމެނެނީ، މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ޓާމިނަލްއާ ހަމައަށެވެ. މީގެތެރެއިން ސެގްމަންޓް 1ގެ ގޮތުގައި ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީނު ފާލަމާ ހަމައަށް ވަނީ ތާރުއަޅާ ތަރައްޤީކޮށް، ޑިސެމްބަރު 8ވަނަ ދުވަހު ބޭނުންކުރަން ހުޅުވާލާފައެވެ.

އެމްޓީސީސީން ވިދާޅުވީ، ބާކީ ހިމެނޭ 4 ސެގްމަންޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފަވަނީ އެކުއެކީގައި ކަމަށެވެ. އެއީ، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާއި ހަމައަށް ހިމެނޭ 700 މީޓަރުގެ މަގުގެ ސަރަޙައްދެވެ.

އަދި މި މަސައްކަތާ އެކުއެކީގައި ބަނދަރުގެ އެއްގަމު ތޮށިވެސް މުޅިން އަލަށް ތަރައްޤީ ކުރާނެއެވެ. އެއީ، 610 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތެވެ.
އެމްޓީސީސީން ވިދާޅުވީ މި މަގު ފަރުމާ ކޮށްފައިވާއިރު، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާކުރާނެ ކަމަށެވެ.

އެ ސަރަޙައްދު ތަރައްޤީކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެއެވެ. މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ މި މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.

މަގުގެ މަސައްކަތަށް އަންނަ ހޯމަ ދުވަހުން ފެށިގެން އެ ސަރަޙައްދު ބަންދު ކުރާއިރު، އެ ސަރަޙައްދުގެ ޓްރެފިކަން އަންނާނެ ބަދަލު ފުލުހުން އިއުލާނު ކުރާނެއެވެ.

އަދި އެސަރަޙައްދުގެ ބަނދަރު ބޭނުން ކުރުމުގައި އަންނާނެ ބަދަލުތައްވެސް ކަމާގުޅޭ އިދާރާތަކުން ހާމަކުރަމުންދާނެއެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގައި، އެމްޓީސީސީއިން މިހާތަނަށް ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަޙައްދު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިއާއެކު މުޅި އެ ސަރަޙައްދުގެ ޓްރެފިކަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.