ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ރަފީނިއާ ހެދި ހެޓްރިކާއެކު 5-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ގައި ފަންސާސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ސެވިއްޔާގެ ގޯލު ހުޅުވާލަފައިވަނީ މެޗުގެ 9 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރަފީނިއާއެވެ.
އަދި ބާސެލޯނާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީވެސް މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރަފީނިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ބާސެލޯނާއިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ސެވިއްޔާގެ އޮސޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.
ބާސެލޯނާގެ ބްރެޒިލް ފޯވަޑް ރަފީނިއާ މި މެޗުގައި ހެޓްރިކް ހަދާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ފަރމިން ލޮޕޭޒް ދިން ޕާހަކުން ޖެހި ލަނޑުންނެވެ. އަދި މެޗުގެ 60 ވަނަ މިނިޓުގައި ޖޮއާއޯ ކެންސެލޯ ވަނީ ބާސެލޯނާއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ.
ސެވިއްޔާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިންޖަރީ ވަގުތުގެ ދެވަނަ މިނިޓުގައި ޖިބްރީލް ސޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައިވާ 70 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.