ލިވަޕޫލް މިހާރު ނެރެމުންދާ ނަތީޖާތައް ތަކުރާރުވާނަމަ އަންނަ ސީޒަނުގައި ޔޫއޭފާ ކޮންފަރެންސް ލީގުގައި ކުޅެން ޖެހިދާނެ ކަމަށް މިޑްފީލްޑަރު އެސްޒޮބޮސްލާއީ ބުނެފި އެވެ.
ހަންގޭރީގެ މިޑްފީލްޑަރު މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމާ ވާދަކޮށް 1-1އިން އެއްވަރު ވުމުންނެވެ. މި މެޗުގެ 18 ވަނަ މިނިޓްގައި ޒޮބޮސްލާއީ ލީޑް ހޯދާދީފައި ވަނިކޮށް ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ބްރެޒިލްގެ ފޯވަޑް ރިޗާލިސަން އެވެ.
"އަހަރެންނަކަށް އެއްގޮތަކަށް ވެސް ނޭނގެ މިހާރަކަށް އައިސް މިވާ ގޮތެއް. މި ގޮތަށް މެޗުގެ ނިމެނިކޮށް އަހަރުމެން އަތުން ގެއްލުނީ ކިތައް މެޗުކަމެއް ވެސް ނޭނގެ. މިވަރުން ދާނަމަ އަހަރުމެން ހިތްހަމަ ޖައްސާލަން ޖެހޭނީ ކޮންފަރެންސް ލީގުން ކަންނޭނގެ،" ޒޮބޮސްލާއީ ބުންޏެވެ.
ކޮންފަރެންސް ލީގަކީ ޔޫރަޕިއަންސް ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ފަހު ޔޫއޭފާއިން ބާއްވާ ތިން ވަނަ ދަރަޖައިގެ މުބާރާތެވެ. ހުސްވ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް މިވަގުތު އޮތީ އިނގިރޭސި ލީގުގެ ފަސް ވަނާގަ އެވެ. ރޭގެ މެޗުން މޮޅުވިނަމަ އެ ޓީމަށް ހަތަރުވަނަ ލިބެން އޮތެވެ.
ކޯޗު އާނޭ ސްލޮޓް ބުނީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމް އަތުން ތިން ޕޮއިންޓް ގެއްލުނީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވިގެން ކަމަށެވެ.
"އަހަރުމެންނަށް ގޯލު ޖަހަން ވަރަށް ގިނަ ފުރުސަތު ލިބުނު. އެ ފުރުސަތުތައް ބޭނުން ނުކުރެވުމުން ފަހު ވަގުތު މިވަނީ ގޯލެއް ވަދެފައި. އަހަރުމެންނަށް އަދިވެސް މިއުޅެނީ މި ސީޒަނުގައި މިގޮތަށް ދިމާވާތީ އެކަން ބަދަލު ނުކުރެވިގެން،" ކޯޗު ބުންޏެވެ.
ޓޮޓެންހަމުގެ ކޯޗު އިގޯ ޓޫޑޯ ބުނީ މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ހައްގު ކަމަށެވެ.
"ކޮންމެ ޕޮއިންޓަކީ ވެސް މިހާރު މުހިންމު އެއްޗެއް. އަހަރުމެން މިދަނީ ވަރަށް މަސައްކަތް ކުރަމުން. މރޭގެ މެޗުގައި ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ހައްގު. އަހަރެން އެ މީހުންނާމެދު ފަހުރުވެރިވަން،" ކޯޗު ބުންޏެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ 30 ޕޮއިންޓާއެކު ޓޭބަލުގެ 17 ވަނާގަ އެވެ.