ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް


  • މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްގެ މައްޗަށް

  • އޭނާގެ އަތުން މަސްތުވާ ތަކެތި ފެނުނީ ލެޕްޓޮޕް ދަބަހަކުން

  • 100,000 ދިވެހި ރުފިޔާއިން އޭނާ ޖޫރިމަނާ ވެސް ކޮށްފައިވޭ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 36 އަހަރުގެ އެމް.ޑީ ސޮހަބް މިއަގެ މައްޗަށެވެ.

މި މައްސަލަ ފެންމަތިވީ 2024 ޖޫން 28 ގައި ޔޫ.އެސް ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން އޭނާ ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި ޗެކްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ފުލުހުންގެ ތަހުޤީގަށް ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ބޭނުންވާ ހެކިތަކާއި، ތަހުލީލު ރިޕޯޓުތަކުގެ އިތުރުން އޮފިސަރުންގެ ބަޔާންތައް ވެސް ކޯޓަށް ހުށަހަޅާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ ކުރީ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށުގައެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި ކްރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، 23 އަހަރާއި 3 މަހާއި 25 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން 100,000 ދިވެހި ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ހުކުމް ކުރިއެވެ.

ކަސްޓަމްސްގެ މަސައްކަތް ހަރުދަނާކޮށް ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ އަދި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް މިމަހުގެ 7 ވަނަދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.