ޚަބަރު

ނިއުކާސަލް އަތުން ޗެލްސީ ބަލިވެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ހަނިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.

މި މެޗުން ޗެލްސީ ބަލިވުމާއިއެކު އެ ޓީމަށް ވަނީ ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ހަނިވެފަ އެވެ. މި ނަތީޖާ އާއިއެކު ލީގުގައި އެ ޓީމަށް މިހާތަނަށް ކުޅުނު 30 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އެއް މެޗު މަދުން ކުޅެގެން ވަނީ 51 ޕޮއިންޓް ހޯދާފަ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 18 ވަނަ މިނިޓުގައި އެންތޮނީ ގޯޑަން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ލަނޑު ޖެހުމުގެ ކުރިން ޗެލްސީގެ ފަރާތުން ނުރައްކާތެރި ހަމަލަތަކެއް ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ވަނީ ފޮނުވާލާފަ އެވެ. އޭގެ ތެރޭގައި ކޯލް ޕާމާ ފޮނުވާލި ހަމަލައެއް ފާހަގަކޮށްލެވެ އެވެ.

މެޗުގެ އިންޓަވަލް ގަޑީގައި ޗެލްސީގެ ސަޕޯޓަރުން ވަނީ އެ ޓީމަށް މަލާމާތްކޮށް އަޑުގަދަކޮށްފަ އެވެ. އަދި ދެވަނަ ހާފަށް ނިކުތްއިރު މާލޯ ގުސްޓޯގެ ބަދަލުގައި ލިއާމް ޑެލަޕް ކުޅެން އެރުވި ނަމަވެސް ދެވަނަ ހާފުގައި އެ ޓީމަށް ނުރައްކާތެރި ހަމަލައެއް އުފެއްދޭގޮތްވަނީ ނުވެފަ އެވެ.

މި މެޗުގައި ނިއުކާސަލްގެ ޖޭކޮބް ރަމްސޭ ފޮނުވާލި ނުރައްކާތެރި ހަމަލައެއް ޗެލްސީގެ ގޯލުކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ޗެލްސީ މި މެޗުން ބަލިވެފައިވާއިރު އެ ޓީމު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ބަލިވުމުގެ އިތުރުން ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ.