މިފަހުން ލިބޭ ދަށް ނަތީޖާތަކާއި ލިބޭ ނާކާމިޔާބީތަކާއެކު، "ވިކްޓިމް" ހެދިފައި ޓޮޓެންހަމްގެ ކުޅުންތެރިން ނުތިބޭނެ ކަމަށާއި، އެންމެ ބޮޑު މަސައްކަތެއް ކުރަމުންދަނީ މި ހާލަތު ބަދަލުކުރަންކަމަށް ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗު، އިގޯ ޓުޑޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓުޑޯ ބުނީ، ފާއިތުވީ ހަފްތާއަކީ އުނދަގޫ ހާލަތެއް ކުރިމަތިކުރުވި ހަފްތާއެއް ކަމަށެވެ. އެ ހާލަތަކީ ހަމައެކަނި ޗެމްޕިއަންސް ލީގުގައި 2-5 އިން އެތުލެޓިކޯ އަތުންވީ ބައްޔާއެކު އުފެދުނު ހާލަތެއް ނޫންކަމަށް އޭނާ ބުންޏެވެ.
މިފަދަ ހާލަތެއްގައި އޮންނާނީ ދެ ގޮތެއް ކަމަށާއި އެއް ގޮތަކީ، ވިކްޓިމަށް ވެގެން، ރޯން ތިބުން ކަމަށާއި އަނެއް ގޮތަކީ ހާލަތު ބަދަލުކުރަން ގަދައަޅާ މަސައްކަތްކުރުންކަމަށް އޭނާ ބުންޏެވެ. އަދި ޓޮޓެންހަމުން މި ދެ ގޮތުން އިޚްތިޔާރުކުރާނީ ހާލަތު ބަދަލުކުރަން މަސައްކަތްކުރުންކަމަށް ކޯޗު ޓުޑޯ ބުންޏެވެ.
މިފަހުން ޓީމަށް ލިބޭ ނާކާމިޔާބީތަކާއެކު ކުޅުންތެރިންނަށް ނަފްސާނީގޮތުން ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ކުޅުންތެރިންނަށް ދޭންޖެހޭ އެހީތެރިކަން ވެސް ކުލަބުން ދެމުން އަންނަކަން އޭނާ ހާމަކުރިއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ޗެމްޕިއަންސް ލީގުގައި އެންމެފަހުން ޓޮޓެންހަމް ކުޅުނު މެޗުން ބަލިވެފައިވާއިރު، ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. ލީގުގައި ޓޮޓެންހަމް އެންމެފަހުން މެޗަކުން މޮޅުވެފައި ވަނީ ޑިސެމްބަރު 28 ވަނަ ދުވަހު، ކްރިސްޓަލް ޕެލަސް އަތުންނެވެ.
ލީގު ތާވަލުގައި ޓޮޓެންހަމް އޮތީ، ރެލިގޭޝަން ޒޯނުގައި، 18 ވަނައިގައި އޮތް ވެސްޓްހަމް އަށްވުރެ އެއް ޕޮއިންޓު އިތުރަށް ލިބި، 29 މެޗުން ޖުމްލަ 29 ޕޮއިންޓާއެކުއެވެ.
ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެރޭ، ރާއްޖެ ގަޑިން 21:30 ގައެވެ.