ކުޅިވަރު

ބަޔަކަށް ނުވާނެހެން ހީވިޔަސް އަހަރެންނަކީ އަދިވެސް ނުރައްކާ ފޯވަޑެއް: ލެވޮންޑޯސްކީ


ސްޕެނިޝް ލީގުގެ ބައެއް މީހުންނަށް އޭނާ އަށް ދެން އެންމެ މަތީ ފެންވަރުގައި ނުކުޅެވޭނެ ކަމަށް ހީވާ ކަމަށާއި ނަމަވެސް އޭނާ އަކީ އަދިވެސް އެންމެ ނުރައްކާ އެއް ފޯވަޑް ކަމަށް ބާސެލޯނާގެ ރޮބަޓް ލެވޮންޑޯސްކީ ބުނެފި އެވެ.
ޕޮލެންޑްގެ ގައުމީ ކެޕްޓަން މިހެން ބުނީ އޭނާގެ އުމުރުން މިހާރު 37 އަހަރު ވެފައިވުމާއެކު އޭނާގެ ކުރިމަގު ބާސެލޯނާގައި ނެތް ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ އެވެ.

މީގެ ހަތަރު އަހަރު ކުރިން ބާސެލޯނާ އަށް ބަދަލުވި ލެވޮންޑޯސްކީ ބުނީ އޭނާ ހުރީ ފުރުސަތު ލިބިއްޖެނަމަ ބާސެލޯނާއާއެކު އަންނަ ސީޒަނުގައި ކުޅެން ތައްޔާރަށް ކަމަށެވެ. ކުލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. މި ކޮންޓްރެކްޓް އާ ކުރާނަމަ ބާސެލޯނާއިން އެކަން ކުރަން ބޭނުންވަނީ މުސާރަ ކުޑަކޮށްފަ އެވެ.

"އަހަރެންނަކީ އަދިވެސް އެންމެ ނުރައްކާތެރި އެއް ފޯވަޑް. ޑިފެންސް ލައިން ތަކަށް އަހަރެންގެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އަދިވެސް އެންމެ ތުރާ ކުރިމަތި ކުރުވާ މީހަކީ އަހަރެން. ޔަގީނުން ވެސް އަހަރެން އަދިވެސް އެންމެ މަތީ ފެންވަރުގައި ކުޅޭނަން. އެކަމަކު ބައެއް މީހުންނަށް ހީވާ އަހަރެންނަށް ދެން ނުވާނެޔޭ. އެކަމަކު އަހަރެންގެ ތަފާސް ހިސާބުތަކަށް ބަލާލުމުން އެއީ ރަނގަޅު ވާހަކައެއް ނޫން ކަން އެނގޭނެ،" ލެވޮންޑޯސްކީ ބުންޏެވެ.

އޭނާ ބުނީ މީގެ ހަތަރު އަހަރު ކުރިން އޭނާ ބާސެލޯނާ އަށް ބަދަލުވިއިރު އެއީ ކުރީގެ ފެންވަރު ރަނގަޅު ބާސެލޯނާ ނޫން ކަމަށާއި ނަމަވެސް މިހާރު ކުލަބުގެ ހާލަތު މަޑުމަޑުން ރަނގަޅު ވެއްޖެ ކަމަށެވެ.

"އަހަރެން އައީ (ޖަރުމަނުގެ ޗެމްޕިއަން) ބަޔާން މިއުނިކްގައި ހުރެފައި. އެއީ އަހަރެންގެ ހަޔާތުގައި ނެގި އެންމެ އުނދަގޫ ޑިސިޝަން. އަހަރެން އެ ކުލަބުގައި ހުރީ ހުރިހާ ކާމިޔާބީއެއް ހޯދައިގެން. އެކަމަކު އަހަރެންނަށް ގަބޫލު ކުރެވުނީ އެ ހިސާބުން އެއީ ބާސެލޯނާ އަށް ކުޅެންވީ ވަގުތު ކަމަށް. އަހަރެން އައިއިރު އެއީ ކުރީގެ ބާސެލޯނާ އެއް ނޫން. ޓީމުގެ ފެންވަރާއި މާލީ ހާލަތު ވެސް ދަށް. އެކަމަކު މަޑުމަޑުން ކުލަބު އެ ވަނީ މިހާރު ކުރިއެރުންތަކެއް ހާސިލް ކޮށްފައި،" ލެވޮންޑޯސްކީ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާގައި މަޑުކުރަން ބޭނުންވި ނަމަވެސް އެކަން ކުރެވޭނީ ކޮންޓްރެކްޓް އާކޮށްގެން ކަމަށެވެ. އަދި އޭނާގެ ކޮންޓްރެކްޓާ ބެހޭ ގޮތުން ކުލަބުން ވެސް ޕްރެޝަރު ނުކުރާތީވެ މި ވަގުތު އެކަމާ ނުވިސްނާ ކަމަށެވެ.
"ބޮޑަށް މި ބަލަނީ މި ސީޒަނުގައި ޓީމަށް ކާމިޔާބު ހޯދައިދޭން. އެއަށްފަހު ކޮންޓްރެކްޓް އާ ކުރަންވީކަން ނުވަތަ ނޫން ކަން އެނގޭނެ. އަހަރެން އުއްމީދު ކުރަނީ އަހަރެންނަށް އަދި ބާސެލޯނާގައި ހުންނަން ފުރުސަތު ލިބޭނެ ކަމަށް،"
ލެވޮންޑޯސްކީ ބުންޏެވެ.

އޭނާގެ ބަދަލުގައި ބާސެލޯނާއިން ދަނީ މޮޅު އެހެން ފޯވަޑަކު ހޯދަމުންނެވެ. ނަމަވެސް ލެވޮންޑޯސްކީ މުސާރަ ކުޑަކޮށްފިނަމަ އޭނާ ބެހެއްޓުމުގެ ހިޔާލު ވެސް ބާސެލޯނާގައި އެބައޮތެވެ.