ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އެންމެ އަޑުހަރުކޮށް ދައްކާ ވާހަކަ އަކީ އިރާން ވޯލްޑް ކަޕުން ވަކިވާ ވާހަކަ އެވެ. އެމެރިކާ އާއި އިޒްރޭލުން އެ ގައުމާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ބާއްވާ މުބާރާތަކަށް ދާން އިރާން ބޭނުމެއް ނުވެ އެވެ. ތަފާތު ގިނަ ސަބަބުތަކާ ހުރެ އެވެ.
އެކަމަކު ރަސްމީކޮށް އިރާނުން އަދި ވޯލްޑް ކަޕުން ވަކިނުވެ އެވެ. ވޯލްޑް ކަޕް ކުޅެން ނުދާނެ ކަމަށް އިޝާރާތް ކުރީ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދޮންޔަމާލީ އާއި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އެވެ. މިއީ އިރާނުން ނުކުޅެން ނިންމައިގެން ތިބި ކަން ގާތްގަނޑަކަށް ކަށަވަރުކޮށްދޭ ކަމެކެވެ. ސަބަބަކީ ހަތުރުވެރި ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ނެތް ހާލަތެއްގައި އަމުދުން ހަނގުރާމަ ހިނގަ ހިނގާ އޮއްވައި އިރާން ދާނެ ކަމަށް އެއްގޮތަކަށް ވެސް ނުބެލެވެ އެވެ. އެހެންވިއްޔާ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތް ކުޅޭނީ ކޮން ގައުމެއް ހެއްޔެވެ؟
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މިކަމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެކަމަކު ފީފާއިން ވެސް މިހާރު ވަނީ ޕްލޭން ބީ އަށް ތައްޔާރުވާން ފަށައިފަ އެވެ. އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބާއްވާ ފީފާގެ އަހަރީ ބައްދަލުވުމުގައި މިކަމާމެދު ރަސްމީ ގޮތެއް ގޮތެއް ނިންމާނެ އެވެ.
އިރާނަކީ އޭޝިޔާގެ ގައުމެކެވެ. މިހެންވެ އިރާނު މުބާރާތުން ވަކިވެއްޖެނަމަ އެ ޖާގަ ދެން ވެސް ލިބުން ގާތީ އޭޝިޔާ އަށެވެ. މުބާރާތް ކުޅޭނެ ގައުމެއް ނަގަން ޖެހޭނީ ވޯލްޑް ކަޕަށް ކޮލިފައިވުމާ އެންމެ ގާތަށް ދިޔަ ގައުމުތަކުގެ ތެރެއިންނެވެ. މި ގޮތުން ބަލާނަމަ އިރާނުގެ ޖާގަ ލިބުން އެންމެ ގާތް ގައުމަކީ އަވައްޓެރި އިރާގެވެ. އިރާނާއި އިރާގަކީ ސިޔާސީ ގޮތުން ވާދަވެރި ސަރަހައްދީ ކޯޅުން ބޮޑު ދެ ގައުމެވެ. މިތުރުންނެއް ނޫނެވެ.
އިރާގަކީ ވޯލްޑް ކަޕަށް އޭޝިޔާއިން ކަނޑައަޅާފައިވާ އޮތް އެންމެ ފަހު ޖާގަ އަށް ވާދަ ކުރާ ގައުމެވެ. ޕްލޭއޯފް ފައިނަލުގައި އިރާގަށް ވާދަ ކުރަން ޖެހޭނީ ސުރިނާމް އާއި ބޮލީވިއާ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. ފީފާގެ ކުރިމަތީގައި މިހާރު އޮތް އެއް ގޮތަކީ އިރާނުގެ ޖާގަ އިރާގަށް ދިނުމެވެ. އިރާން މުބާރާތުން ވަކިވުމުގެ ކުރިން އިރާގު ކޮލިފައިވެއްޖެނަމަ ދެން ޖާގަ ލިބުން އެންމެ ގާތް ބަޔަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޔޫއޭއީ ދިޔައީ އީރާނާއި އުޒުބަކިސްތާންގެ ފަހަރުން ގްރޫޕް އޭގެ ތިން ވަނަ އަށެވެ. އިރާގަކީ ގްރޫޕް ބީގެ ތިން ވަނަ ގައުމެވެ. އޭޝިޔާގެ އެންމެ ފަހު ޕްލޭއޯފް ޖާގަ އިރާގަށް ލިބުނީ ޔޫއޭއީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ކުރި ހޯދައިގެންނެވެ. މިހެންވެ އިރާގަށް ފަހު އޭޝިއާގެ ޓީމުތައް ރޭންކް ކޮށްލާއިރު ވޯލްޑް ކަޕުން ފުރުސަތު ލިބޭ ޓީމުތަކުގެ ލިސްޓުގެ އެއްވަނަ އަށް އަންނާނީ ޔޫއޭއީ އެވެ. މުބާރާތުން ވަކިވެއްޖެނަމަ އިރާނަށް ފީފާއިން އަދަބު ވެސް ދޭނެ އެވެ. އެކަމަކު އެއީ ފަހުގެ ވާހަކަ އެކެވެ.