ޚަބަރު

ޢަލީ ވަޙީދު ހިމެނޭހެން އިތުރު 5 މީހެއްގެ ޕާސްޕޯޓް ކެންސަލްކޮށްފި


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޗެއަރޕަރސަން ޢަލީ ވަޙީދު ހިމެނޭހެން އިތުރު 5 މީހެއްގެ ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަނުން ކެންސަލްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓް ކެންސަލް ކުރި މީހުންގެ ތެރޭގައި ޢަލީ ވަހީދުގެ އިތުރުން ދެން ހިމެނެނީ، މ. ސެސްނާ މުޙައްމަދު އައްލާމް ލަތީފް، މ. ލޭންޑް އޮފް ގާރޑަން އަޙްމަދު އިޝްފާޙު ޢަލީ، ގ. އޮއެވާލި މުޙައްމަދު ޙުސައިން، ހ. އައިދާ މުޙައްމަދު އަސީލު އަޙްމަދުގެ އިތުރުން ހއ. މުރައިދޫ ވައިޖެހޭގެ މުޙައްމަދު ވިޝާމްއެވެ. މި 6 މީހުންގެ ތެރެއިން ޢަލީ ވަހީދު ފިޔަވައި ބާކީތިބި 5 މީހުންނަކީ ތަޙްގީގަށް ހޯދަން ބޭނުންވެ ފެނިފައިނުވާތީ އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ މީހުންނެވެ.

މި 6 މީހުންގެ ޕާސްޕޯޓް ކެންސަލްކޮށްފައިވާކަން ހާމަކުރައްވާ މޯލްޑިވްސް އިމިގްރޭޝަނުން ނެރުއްވާފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހުންގެ ތެރޭގައި ޝަރުޢީ ޙުކުމަކަށް ނުވަތަ ތަޙްޤީޤީ އިދާރާތަކަށް ބޭނުންވެގެން ހޯދާ މީހުން އެފަދަ އެންގުމަށް ތަބާނުވެ، ރާއްޖެ ނައިސް ދިރިއުޅޭ ފަރާތްތައް ނުހިމެނޭކަމަށެވެ. އަދި މިހާރަކަށް އައިސް މިފަދަ ފަރާތްތައް ގިނަވަމުން ދިއުމުގެ ސަބަބުން، ރާއްޖޭގެ ޝަރުޢީ އަދި ތަޙްޤީޤީ އިދާރާތަކުން ބައްލަވަމުންގެންދަވާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގިނަގުނަ ހުރަސްތަކާ ދިމާވަމުންދާކަން ފާހަގަކުރެވޭތީ، 6 ފަރާތެއްގެ ޕާސްޕޯޓް ކެންސަލްކޮށް، ރާއްޖެއާއި އަދި ރާއްޖޭން ބޭރުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ނަމަވެސް ޕާސްޕޯޓް ކެންސަލްކޮށްފައިވާ ފަރާތްތައް ރާއްޖެއައުމަށް ބޭނުންވެގެން ފޮރިން މިނިސްޓްރީ މެދުވެރިވެގެން އިމިގްރޭޝަނަށް ހުށައެޅުމުން ރާއްޖެއައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހަދައިދޭނެކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގައި، ޝަރުޢީ ކޯޓެއްގެ އަމުރަކާ ނުވަތަ ހުކުމަކާ ގުޅިގެން ނުވަތަ މީހުން ހައްޔަރުކޮށް ހިފެހެއްޓުމުގެ ބާރުގެ ޤާނޫނުގެ ދަށުން ލިބިދޭ ފަރާތްތަކަށް އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭން ފުރުން މަނާކުރެވޭ މީހުން ފިޔަވައި، އެހެން ކޮންމެ ދިވެހި ރައްޔިތަކީ ރާއްޖޭން ބޭރަށް ފުރައިގެން ދެވިދާނެ އަދި ރާއްޖޭން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.