ކުޅިވަރު

ބާސެލޯނާ އަދި ރިއާލް މެޑްރިޑަށްވެސް މޮޅެއް ނުވެވުނު


ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަދި ރިއާލް މެޑްރިޑް ކުޅުނު މެޗުތައް އެއް ނަތީޖާއަކުން ނިމިއްޖެއެވެ. 

ލަލީގާގައި ރޭ ބާސެލޯނާގެ ދަނޑުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗް އެއްވަރުވެގެން ނިމުނީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. އަދި ރިއާލް މެޑްރިޑާއި ވިޔަރެއާލްގެ ކުރިމަތިލުންވެސް ނިމުނީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. 

ބާސެލޯނާ އަދި އެތްލެޓިކޯ މެޗުގެ ފުރަތަމަ ހާފްގައި ބާސެލޯނާއަށް މެޗުގެ ލީޑް ނަގައިދިނީ އިވާން ރަކިޓިޗެވެ. ދެވަނަ ހާފްގައި އެތްލެޓިކޯ މެޑްރިޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެންޚެލް ކޮރެއާއެވެ. 

ރޭގެ މެޗުގެ ދެވަނަ ހާފްގައި ބާސެލޯނާގެ ފޯވާޑް ލަޔަނެލް މެސީއަށް އަނިޔާވެގެން އޭނާވަނީ ބަދަކޮށްފައެވެ. މެސީއަށް މި ލިބުނު އަނިޔާއާއި ގުޅިގެން ތިން ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށްވަނީ ބެލެވިފައެވެ. މި ސީޒަންގައި އަދި ލީގުގައި މިހާތަނަށް ފަސް މެޗު ކުޅުނުއިރު، މެސީއަށްވަނީ އަނިޔާގެ ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހިފައެވެ. މެސީގެ އިތުރުން ރޭގެ މެޗުގައި ބާސެލޯނާގެ މިޑްފިލްޑަރ ސާޖިއޯ ބުސްކެޓްސްއަށްވެސްވަނީ އަނިޔާވެގެން ބަދަލްކުރަންޖެހިފައެވެ. 

ވިޔަރެއާލް އަދި ރިއާލް މެޑްރިޑް ވާދަކުރި މެޗުގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލީޑް ނެގީވިޔަރެއާލްއިންނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ބްރޫނޯ ސޮރިއާނޯއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ކެޕްޓަން ސާޖިއޯ ރާމޯސްގެ ގޯލުން ރިއާލް މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް ގިނަ ހަމަލާތަކެއް ވިޔަރެއާލްގެ ގޯލަށް ފޮނުވާލި ރިއާލް މެޑްރިޑަށް މެޗުގައި އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. 

ރޭގެ މެޗު އެއްވަރުވުމާއެކު ލަލީގާގައި ރިއާލް މެޑްރިޑް މޮޅުވުމުގެ ސިލްސިލާ މިވަނީ ނިމުމަކަށް އައިސްފައިއެވެ. ލަލީގާގައި ޖެހިޖެހިގެން ސޯޅަ މެޗުން ރިއާލް މޮޅުވެފައިވާއިރު މި ރެކޯޑް ރެއާލްއާއިއެކު ހިއްސާކުރަނީ ވާދަވެރި ބާސެލޯނާއިންނެވެ. ބާސެލޯނާއިން ލަލީގާގައި ޖެހިޖެހިގެން ސޯޅަ މެޗުން މޮޅުވެފައިވަނީ ދެހާސް ދިހައެއްއަދި އެގާރަވަނަ އަހަރުގެ ސީޒަންގައެވެ. 

ރޭގެ ނަތީޖާތަކާއިއެކު ރިއާލް މެޑްރިޑް އޮތީ ތިން ޕޮއިންޓްގެ ލީޑަކާއިއެކު ލަލީގާ ތާވަލްގެ އެއްވަނާގައެވެ. ލަލީގާ ތާވަލްގެ ތިންވަނާގައި ބާސެލޯނާ އޮތީ ދިހަ ޕޮއިންޓާއިއެކުގައެވެ. ނުވަ ޕޮއިންޓާއިއެކު އެތްލެޓިކޯ މެޑްރިޑް އޮތީ ތާވަލްގެ ހަތަރުވަނާގައެވެ.