ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމަށް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކ. ގުރައިދޫގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޤާއިމްކޮށްފައިވަނީ، މީގެ 50 އަހަރު ކުރިން 1976 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުގައެވެ. މިވީ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ އިމާރާތްތަކަށް އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރު މިވަނީ، އެތަނަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޞިއްޙީ ވަޒީރުގެ ނައިބު އާމިނަތު އިސްމާއީލް ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައު އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތަކީ، ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން އެކަމަށް ފައިސާ ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށް އާމިނަތު އިސްމާއީލް ވިދާޅުވިއެވެ.
އެ އިމާރާތަށް 50 އަހަރުވެފައިވާއިރު، އެތަންތަން ވަރަށް ހާލުގައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރު އައުމަށްފަހު ފުރަތަމަ ހަމަޖައްސަން ޖެހުނީ، އެތަނުގައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އެމީހުންނަށް ބޭނުންވާ އެނދާއި، ކާބޯތަކެތީގެ އިންތިޒާމްތައް ރަނގަޅު ކުރުން ފަދަ ކަންކަން ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ފަރުވާގެ ބައި މަޑުމަޑުން ހަމަޖެހި އެތަނުގެ އިމާރާތުގެ ބައި ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް މިދަނީ. އެއީ މިދާއިރާއިން ލިބުނު ބޮޑު ހިތްހަމަޖެހުމެއް. އެމީހުންނަށް ރަނގަޅު ބޯހިޔާވަހިކަމެއް ލިބޭނެ." ޞިއްޙީ ވަޒީރުގެ ނައިބު އާމިނަތު އިސްމާއީލް ވިދާޅުވިއެވެ.
ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲ ވިދާޅުވީ، އެ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އިމާރާތް ޚާއްސަކޮށްފައިވަނީ އެތަނުގައި ތިބި މީހުންގެ އެކޮމަޑޭޝަން އިމާރާތެއްގެ ގޮތުގައި ކަމަށެވެ. ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެތަނުގައި 4 ފަންގިފިލާގެ އެކަމަޑޭޝަން ބްލޮކެއް ތަރައްޤީކުރުން ކަމަށެވެ.
"އަދި ނިންމާފައިވަނީ 4 ފަންގިފިލާއަށް އިމާރާތް ކުރުމަށް. ގްރައުންޑް ފްލޯގައި ކާތަނެއް ތަރައްޤީ ކުރާނެ. އޮފީސް ބަޔަކާއި އެތަނުގައި ތިބޭ މީހުން ބެލުމަށް ހަރަކާތްތެރިވާ މީހުން ތިބުމަށް ޚާއްސަ ތަނެއްވެސް ހުންނާނެ. ދެން ހުރި ފްލޯތައް މީހުން ތިބުމަށް ޚާއްސަ ކުރާނެ." ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲ ވިދާޅުވިއެވެ.
ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުން ނުކުންނަ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ކުރިން، އެމުޖުތަމަޢެއްގައި ހިމެނޭ މުއައްސަސާތަކާއި، އެމީހެއްގެ ޢާއިލާއަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީ އެމީހަކަށް ފަހި ވެއްޓެއް ޤާއިމުކުރުމެވެ. އަދި ބޭހާއެކު ނުކުންނަ މީހުންގެ ތެރެއިން ވަޒީފާއަށް ދާން އެދޭ ފަރާތްތަކަށް މަރުކަޒުގެ އެހީގައި އެ ފުރުޞަތު ފަހިކޮށްދީ، އަބުރުވެރި ދިރިއުޅުމެއް ހޯދޭނެ މަގު ކަށަވަރު ކުރުމެވެ. މިއާއެކު އެމީހަކީ، ފަރުވާއަށްފަހު ޢާއިލާއަށް ބުރައަކަށްވުމުގެ ބަދަލުގައި އަމިއްލައަށް ކަންކަން ކުރެވޭނެ މީހެއްގެ ގޮތުގައި ޢާއިލާތަކަށްވެސް ޤަބޫލުކުރެވޭނެ މަގުފަހިކޮށްދިނުމަކީ މަރުކަޒުން މިހާރު ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމެކެވެ.
ނިމިދިޔަ 2025 އަހަރުގެ ނިޔަލަށް 23 މީހަކު ޢާއިލާއާ ޙަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އޭގެތެރެއިން އެއްވެސް މީހަކު އަނބުރާ މަރުކަޒަށް ގެންދަން ނުޖެހޭކަން ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް މިހާ އަދަދަކަށް މީހުން ޢާއިލާތަކުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.