މިނިމުނު ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި 126 މިލިޔަން ލިބިފައިވެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ވަނީ މިދިޔަ މަހުގެ އާމްދަނީގެ ތަފްސީލްތައް އާންމުކޮށްފައެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި 126.85 މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި 137.72 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިއީ 7.9 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ އަހަރަށް ވުރެ މިއަހަރު ޑޮލަރު އާމްދަނީ ދަށްވެފައިވަނީ ޓެކްސް ނޫން އާމްދަނީގެ ތެރެއިން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ދައްކާފައިވާ މިންވަރު ދަށްވުމާއި ގުޅިގެންނެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި 35 މިލިޔަން ޑޮލަރު މިކަމަށް ދައްކާފައިވާއިރު މިއަހަރު ދައްކާފައިވަނީ 5.9 މިލިޔަން ޑޮލަރުކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް ލިބުނު ޖުމްލަ ޑޮލަރު އާމްދަނީ ދަށްވެފައިވީ ނަމަވެސް ޑޮލަރުން ޓެކްސް ދައްކާފައިވާ މިންވަރުވަނީ އިތުރުވެފައެވެ. މި ބައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއެވެ. ޓީޖީއެސްޓީ ދިވެހި ރުފިޔާއިން އަދި ޑޮލަރުންވެސް ދައްކާފައިވާއިރު، ދިވެހި ރުފިޔާއިން 1.15 ބިލިޔަން ރުފިޔާ ފެބްރުއަރީ މަހު ޓީޖީއެސްޓީއަށް ދައްކާފައިވެއެވެ. މިމުއްދަތުގައި ޓީޖީއެސްޓީ ގޮތުގައި ޑޮލަރުން، 75.2 މިލިޔަން ޑޮލަރު ދައްކާފައިވާއިރު މިއީ މިދިޔަ އަހަރު ފެބްރުއަރީ މަހާއި އަޅާބަލާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ.
ޑޮލަރު އާމްދަނީގެ އެންމެ ބޮޑުބައެއް ދެން ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނޭ ގްރީން ޓެކްސްއެވެ. މިއަހަރު ފެބްރުއަރީ މަހުގެ ޑޮލަރުން ގްރީން ޓެކްސް ދައްކާފައިވާ މިންވަރު މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވެއެވެ. މިދިޔަ އަހަރު ޑޮލަރުން ގްރީން ޓެކްސް ގޮތުގައި ދައްކާފައިވަނީ، 9.7 މިލިޔަން ޑޮލަރެވެ. މިދިޔަ މަހުގެ 13 މިލިޔަން ޑޮލަރު ގްރީން ޓެކްސްއަށް ދައްކާފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތައް ދައްކައެވެ.
މީގެ އިތުރުން މިދިޔަ މަހު ޑޮލަރުން އިންކަމް ޓެކްސް ދައްކާފައިވާ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ. މިއަހަރު ފެބްރުއަރީ މަހު އިންކަމް ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބިފައިވަނީ 11.98 މިލިޔަން ޑޮލަރެވެ.
މިއާއެކު ޓެކްސް އާމްދަނީގެ ގޮތުގައި ޑޮލަރުން ޖުމްލަ 108.9 މިލިޔަން ޑޮލަރު ފެބްރުއަރީ މަހު ދައްކާފައިވާކަމަށް މީރާއިން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައްކާފައިވަނީ، 90.2 މިލިޔަން ޑޮލަރެވެ. މިއީ 20 އިންސައްތައިގެ ކުރިއެރުމެކެވެ. ފެބްރުއަރީ މަހު ޓެކްސް ނޫން އާމްދަނީ 17.8 މިލިޔަން ޑޮލަރެވެ. މިދިޔަ އަހަރު މިމުއްދަތުގައި 47.4 މިލިޔަން ޑޮލަރު ލިބިފައިވެއެވެ.
ޑޮލަރުން ދައްކާ ޓެކްސް އާމްދަނީ ފެބްރުއަރީ މަހު އިތުރުވެފައިވާއިރު، ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު އިތުރުވެފައެވެ. އެހެންކަމުން ޑޮލަރުން ލިބުނު ޓެކްސް އާމްދަނީއަށް ހެޔޮ ބަދަލެއް އައިސްފައިވާކަން މީރާގެ ތަފާސް ހިސާބުތަކުން އެނގެއެވެ.