ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 1ވަނަ ދުވަހުއެވެ.
ދިފާޢީ ވުޒާރާއިން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ މީހުންނަށެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައިވާނަމައެވެ.
މިޕްރޮގްރާމް ކުރިއަށްގެންދަނީ 3 މަސް ދުވަހަށެވެ. އަދި ތިންވަނަ ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ ފަހު ހަފްތާގައިކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ. އެހެން ތަމްރީން ޕްރޮގްރާމްތަކެކޭ އެއްފަދައިން މި ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މިޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދޭނެއެވެ.
މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެ ފުރުޞަތު ހުޅުވާލާފައިވަނީ އޭޕްރީލް 5 ވަނަ ދުވަހާހަމައަށެވެ.
ވަޠަނީ ޚިދުމަތުގެ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. މީގެތެރެއިން ހޮވުނު 65 ޒުވާނުންވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަށާފައެވެ.
ދަސްވެނިވި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ނުހޮވޭ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން އެކުދިންނަށް ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ. އެގޮތުން، 171 ކުދިން އެމްއެންޑީއެފަށް، އަދި 7 ކުދިން އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަނުންނަށް ވަނީ ހަމަޖައްސާފައެވެ. އަދި 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ވަޒީފާދީފައިވާއިރު 23 ކުދިންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި 5 ކުދިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ.
މީގެ އިތުރުން 3 ކުއްޖަކަށް އެމްއޭސީއެލްއިންވެސް ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަން ބޭނުންވި 38 ކުދިންނަށް ސަރުކާރުން ވަނީ އެ ފުރުޞަތު ދީފައެވެ. މީގެ އިތުރުން 2 ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ދަރިވަރުން އަންނަނީ ތަމްރީން ފުރިހަމަކުރަމުންނެވެ. އެއީ 286 ފިރިހެން ދަރިވަރުންނާއި އަދި 64 އަންހެން ދަރިވަރުންނެވެ.
ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ތެރޭގައި އިތުރު 1,000 ޒުވާނުންނަށް ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ހޯދާދިނުމެވެ.
ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމަށް ފެއްޓެވި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންއަކީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކުރަންޖެހޭ ތަމްރީނެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުންވެސް މި ތަމްރީނުގައި ވަނީ ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތަށް ޤާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިމަހު ވަނީ ބިލެއްވެސް ހުށަހަޅުއްވާފައެވެ. މިއީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް، މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.