ކުޅިވަރު

އިރާގުން އެދެނީ މެޗު ފަސްކޮށްދިނުމަށް


ވޯލްޑް ކަޕް ކޮލިފައިން ކުޅެން ޖެހޭ ޕްލޭއޯފް ފައިނަލް މެޗު ފަސްކޮށްދިނުމަށް އިރާގުން ދުނިޔޭގެ ފުޓްބޯލަ ޖަމިއްޔާ ފީފާގައި އެދެފި އެވެ.

އިރާގުގެ ކޮޗު ގްރެހަމް އާނޮލްޑް ބުނީ އިރާގުން މި ގޮތަށް އެދެން ޖެހުނީ އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރު ފަތުރަށް ހުރަސް އެޅިފައިވާތީ އެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ހާއްސަކޮށް އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ އެވެ.

އަންނަ ޖޫން މަހު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޕްލޭއޯފްގެ ފައިނަލަށް އިރާގު ބައްދަލު ކުރަން ޖެހޭނީ ބޮލީވިއާ އާއި ސުރިނާމް ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ. ޕްލޭއޯފް ފައިނަލް ކުޅެން ހަމަޖައްސާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯގަ އެވެ.

އާނޮލްޑް ބުނީ އިރާގުން ބޭނުންވަނީ ސުރިނާމާއި ބޮލީވިއާ މެޗު ކުޅެފައި މޮޅުވާ ޓީމަކާއެކު އިރާގު ކުޅެން ޖެހޭ މެޗު ނުކުޅެ ބާއްވައިދޭން ކަމަށެވެ.

"ސަބަބަކީ އަހަރުމެންގެ އެންމެ ގަދަ ޓީމު ނެރެވެނީ އިރާގުގައި ތިބި ކުޅުންތެރިން ލައިގެން ކަމަށްވާތީވެ. އެ މީހުން ނުލައި އިރާގުން ބޭރުގައި ތިބި ކުޅުންތެރިން ގޮވައިގެން ކުޅެން ވެއްޖެނަމަ އެންމެ ގަދަ ޓީމު ނުނެރެވޭނެ. އޭރުން ވާނީ ގެއްލުމަކަށް. އަދި ފަހަރުގައި އިރާން ވެސް ވޯލްޑް ކަޕް ނުކުޅެފާނެ. އޭރުން އަހަރުމެންނަށް އެ ޖާގަ ދީފައި އެހެން ގޮތްތަކެއް ވެސް ފީފާ އަށް ހެދިދާނެ. އެހެންވީމާ މި މެޗު ނުކުޅެ ފަސްކޮށްދިނުން ރަނގަޅު ކަމަށް އަހަރުމެން ދެކެނީ،" ކޯޗު ބުންޏެވެ.

40 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެން މަސައްކަތް ކުރާ އިރާގު ޓީމުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަނަގުރާމައިގެ ސަބަބުން އިރާގާއި މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި ކަމަށާއި މިހެންގެ ދަތުރު ފަތުރު ކުރެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ. ގައުމީ ކޯޗު ގްރަހަމް އާނޮލްޑް ވެސް ވީ ޔޫއޭއީގައި ތާށިވެފައި ކަމަށެވެ.

"ފީފާ އާއި އޭއެފްސީ އަށް މިދަނީ އަހަރުމެންގެ ޓީމުގެ ހުރިހާ މައުލޫމާތެއް ދެމުން. ސަބަބަކީ ވައިގެ ސަރަހައްދު ބަންދު ވުމާއެކު ދަތުރު ފަތުރު ނުކުރެވުން. އަހަރުމެންގެ ގައުމީ ކޯޗު ގްރެހަމް ހުރީ ޔޫއޭއީގައި ތާށި ވެފައި. މީގެ އިތުރުން ގިނަ ގައުމުތަކުގެ އެމްބަސީތައް ބަންދު ކޮށްފައި ހުރުމާއެކު މެކްސިކޯ އަށް ދަތުރު ކުރުމުގައި ވިސާ ހޯދަން ވަނީ ދަތިވެފައި،" އިރާގުގެ ގައުމީ ޓީމުގެ ބަޔާނުގައިވެ އެވެ.

އިރާގުން ބުނީ އެ ގައުމުގެ ސަޕޯޓަރުންނަށް ގައުމީ ޓީމުގެ މައުލޫމާތުތައް އަބަދުވެސް ފޯރުކޮށްދޭނެ ކަމަށާއި ފީފާ އާއި އޭއެފްސީން ވެސް ނިންމާ ކޮންމެ ކަމެއްގެ މައުލޫމާތު ވެސް ލަސްނުކޮށް ފޯރުކޮށްދޭނެ ކަމަށެވެ.

އިރާގުން 1986ގެ ފަހުން މިހާތަނަށް ކުޅެފައިވަނީ އެންމެ ވޯލްޑް ކަޕެކެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގެ ޕްލޭއޯފް ކާމިޔާބު ކޮށް އޭޝިޔާއިން ވޯލްޑް ކަޕުގައި ކުޅޭނެ ނުވަ ގައުމު ކަމަށްވާނީ އިރާގު ކަމަށް ވާނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފަ އެވެ.