ޚަބަރު

ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް، މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް


  • ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިމިޓެޑާ

  • މަޑުއްވަރީގައި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަންއާ

ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެކެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު އަލީ ވަސީއުއެވެ.

ދެވަނަ އެއްބަސްވުމަކީ ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެކެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރު ސައުދުﷲ ހިލްމީއެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެކެވެ.

ފުލުހުންގެ ޚިދުމަތްތަކާ އަސާސީ ޚިދުމަތަކަށްވާއިރު މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. އެއާއެކުފުލުހުންގެ ޚިދުމަތަށް ބޭނުން ޖެހޭ ހާލަތްތައްކަުގައި އެރަަށްތަކަށް ފުލުހުންގެ ޓީމްތައް ފޯނުވަންޖެހީ ކައިރި ރަށްރަށުންވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެކު މިދިޔަ އަހަރު ވަނީ ފުލުހުން ރަށްރަށުގައި ޤާއިމްވެ ތިބެ އެ ޚިދުމަށް ހުރިހާ ރަށެއްގައި ފޯރުކޮށްދޭން ފަށާފައެވެ.

މީގެ އިތުރުން ސަރުކާރު ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައެވެ. ދެން ހުރި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ކައުންސިލުން ފޯރުކޯށްދޭ އިމާރާތްތައް ނުވަތަ ކުއްޔައް އިމާރާތްތައް ނަގައިގެންކަމަށެވެ. އޭގެ ސަބަބުން ޚިދުމަތް ދިނުމަށް އެތަކެއް ދަތިތަކެއް ދިމޭވެ ރައްޔިތުންނަށް އެތަކެއް ނިކަމެތިކަމެއް ލިބެއެވެ.. ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 60 އަށްވުރެ ގިނަ ރަަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ވަނި ފަށާފައެވެ. އަދި ފުލުހުންގެ ޢަމިއްލަ މަރުކަޒު ނެތް ހުރިހާ ރަށެއްގައި މަރުކަޒުތައް ޤާއިމްކޮށް ރަށްރަށުން ފުލުހުންގެ ޚިދުމަތް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކޮށް ޚިދުމަތް ދިނުމެވެ.