ޚަބަރު

ސިފައިންގެ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ނޮދަން އޭރިއާގައި


ސިފައިންގެ އަސްކަރީ ޚާއްޞަ ތަމްރީނުތަކެއް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައި ފައްޓަވައިފިއެވެ.

މި އަސްކަރީ ޚާއްޞަ ތަމްރީނު ޕްރޮގްރާމަކީ މި އަހަރުގެ ސިފައިންގެ ދުވަހު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ނެރެދެއްވި ދިވެހި ސިފައިންގެ މި އަހަރުގެ ޝިޢާރުކަމަށްވާ "ތަމްރީނާއި ތަރުބިއްޔަތު - ސިފައިންގެ ބިންގާ" މި ޝިޢާރާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތަފާތު ތަމްރީނުތަކުގެ ތެރެއިން ހިންގޭ ޚާއްޞަ ތަމްރީނެއްކަމަށް އެންއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

img:http://s2.psmnews.mv/images/660x400/14744643093481.jpg|އެމްއެންޑީއެފް ނޮދަން އޭރިޔާގައި ސިފައިިން ހިންގަމުންދާ ޚާއްޞަ ތަމްރީނުތަކުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

މުޅި އަހަރު ދުވަހަށް ބަހާލައިގެން ރާއްޖޭގެ ސިފައިންގެ ހުރިހާ މަރުކަޒެއްގައި މަސައްކަތްކުރާ ސިފައިން ހިމެނޭ ގޮތަށް ހިންގަމުންދާ ޚާއްޞަ ތަމްރީނުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ސިފައިންނަށް ދެވޭ ތަމްރީނުތަކެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައި މިހާރު ކުރިއަށްދާ ޚާއްޞަ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފަށް ކަނޑައެޅިފައިވާ މިޝަން އެސެންޝިއަލް ޓާސްކް ތަކުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުޝްމަނުން ހިންގަފާނެ ޓެރަރިސްޓް ޢަމަލެއް ހުއްޓުވައި، ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޤާއިމުކުރުމަށް ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތަކާ ގުޅުންހުރި ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14744643217799.jpg|އެމްއެންޑީއެފް ނޮދަން އޭރިޔާގައި ސިފައިިން ހިންގަމުންދާ ޚާއްޞަ ތަމްރީނުތަކުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

މި ތަމްރީނުތަކުގައި ޤައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކަށް ރިޢާޔަތްކޮށް ހިންގާ އަސްކަރީ ފަރިތަކުރުންތަކުގެ އިތުރުން، ސިފައިންގެ ކޮންމެ މީހެއްގެ ކިބައިގައި ހުރުން ލާޒިމު އަސާސީ ހުނަރުތަކާއި އުކުޅުތަކާއި އަސްކަރީ ޤާބިލުކަން އިތުރަށް ތަރައްޤީ ކުރެވޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ސިފައިންގެ އޮޕަރޭޝަންތައް ކާމިޔާބު ކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އިތުރުކުރުމާއި ސިފައިންގެ މަރުކަޒީ ތަމްރީނުތައް ހިންގާނެ ގޮތްތައްވެސް ފަރިތަކުރެވޭނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.