ސިއްހަތު

4 ކުއްޖަކަށް ހިލޭ ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ދެއްވައިފި


އައިޓެކް - އައި.ޖީ.އެމް.އެޗް 2016 ސްކޮލަރޝިޕް ސްކީމްގެ ދަށުން ރާއްޖޭގެ ހަތަރު ކުއްޖަކަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު އިންޑިއާ ސަރުކާރުން ދެއްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް އިން ދެއްވި މި ސްކޮލަޝިޕް ލިބުނު ކުދިންނާއި ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްދެއްވީ މިއަދު އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު ޝިހާމެވެ. 6 އަހަރުގެ މުއްދަތުގެ ސްކޮލަރޝިޕްގެ ދަށުން ދެކޮޅު ޓިކެޓް ފިޔަވައި އެހެން ހުރިހާ ޚަރަދެއް ދެއްވާނީ އިންޑިއާ ސަރުކާރުންނެވެ. މި ކުދިންނަށް ދެކޮޅު ޓިކެޓް ހަމަޖައްސަވާދެއްވީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

img:http://s4.psmnews.mv/images/660x400/14743780108411.jpg|ސްކޮލަރޝިޕް ލިބުނު ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޮލަރޝިޕް ލިބުނު ކުދިން ކިޔެވުމަށް ހަމަޖެހިފައިވަނީ ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ މެޑިކަލް އިންސްޓިޓިއުޓާއި، ލޭޑި ހާޑިންގް މެޑިކަލް ކޮލެޖުގެ އިތުރުން މުމްބާއީގެ ގްރާންޓް މެޑިކަލް ކޮލެޖުންނެވެ. އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން، އައިޓެކް އައިޖީއެމްއެޗް ސްކީމްގެ ނަމުގައި އެވޯޑްކުރި، މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ޙާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މިބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަން ވާނޭކަމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.