ޚަބަރު

ރަމަޟާން 7ވީ7 ލީގު : ލެގޫންސް މޮޅިވިޔަނުދީ ހިރިއާ ހިފަހައްޓައިފި


  • ވެޓެރެންސް ކެޓަގަރީގެ ތިންމެޗުގެ ތެރެއިން ދެ މެޗު ނިމުނީ އެއްވަރުވެގެން

  • މިއީ މުބާރާތުގައި ހުރާ ޓީމުން ހޯދި ފުރަތަމަ މޮޅު

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ވެޓެރެންސް ކެޓަގަރީގަ ލެގޫންސް ސްޕޯޓްސް ކުލަބު މޮޅުވާން ދަނިކޮށް ހިންނަވަރު ހިރިއާ އިން ހުއްޓުވައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި މިއަދު ކުޅުނު ވެޓެރެންސް ކެޓަގަރީގެ ތިންމެޗުގެ ތެރެއިން ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން ގުރޫޕް އޭގައި ސްޓެލްކޯ އާއި ކ.ގުޅި ގުޅި އެފްސީ ވާދަކުރި މެޗު ނިމުނީ 0-0 އެއްވަރުވެގެންނެވެ. މި ގުރޫޕުގައި ލެގޫންސް އާއި ހިރިއާ ވާދަކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. މިމެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ލެގޫންސް އިންނެވެ. އެއީ އަހުމަދު މުހައްމަދު އާއި އަހުމަދު ރަޝީދެވެ.

ފަހު ދެ ލަނޑު ހިރިއާ އަށް ކާމިޔާބުކޮށްދިނީ މުހައްމަދު މައުރޫފް ހުސެއިން އާއި އަލީ އިބްރާހިމްއެވެ. މި ނަތީޖާ އެކު ލެގޫންސް އެއްވަނައިގަ އޮތީ 7 ޕޮއިންޓާއެކުވެ، ދެވަނައިގަ އޮތް ހިރިއާ އަށް ލިބެނީ 4 ޕޮއިންޓެވެ.

މިއަދު ފަހު މެޗުގައި ހުރާ ބެލިސިމޯ ސްޕޯޓްސް ކުލަބު ވަނީ 4-0 ލަނޑުން ވަކަންޑާގެ މައްޗަށް ކުރި ހޯދާފައެވެ. ހުރައަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ނަޝީދު އާއި ހުސެއިން ނަސީރުގެ އިތުރުން ރަމީޒް މުސްތަފާ އާއި އަހުމަދު ޝަފްރާޒްއެވެ.

މުބާރާތުގައި ހުރާ ޓީމުން ހޯދި ފުރަތަމަ މޮޅާއެކު އެޓީމުން ވަނީ ތިން ޕޮއިންޓު ހޯދާފައެވެ. މި ގުރޫޕުން އެއްވަނައިގަ އޮތީ 6 ޕޮއިންޓާއެކު އޮތް މުއިވެޔޮ ފްރެންޑްސް ކުލަބެވެ.