ޚަބަރު

ރެއާލާ ދެކޮޅަށް ކުޅެން ޖެހުން އެއީ ޓީމު ކުރިއަރާނެ ކަމެއް: ގާޑިއޯލާ


  • ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި މީގެކުރިން 5 ފަހަރު މި ދެ ޓީމު ވާދަކުރި

  • މީގެތެރެއިން ތިން ފަހަރު މޮޅުވީ ރެއާލް މެޑްރިޑް

  • ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ މާޗު 10 އަދި 11 ގައި

ރެއާލް މެޑްރިޑް ފަދަ ވަރުގަދަ ކުލަބަކާ ދެކޮޅަށް ކުޅެން ޖެހުން އެއީ އަމިއްލަ ޓީމު ކުރިއެރުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި މެންޗަސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރު މިހާރު ނަގާފައިވާއިރު، ގަދަ 16 ގައި ވާދަކުރަން ޖެހުނީ ރެއާލް އާއި ސިޓީއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، ރެއާލް މެޑްރިޑަކީ މި މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ރަން ކާމިޔާބީއެއް އޮތް، އެންމެ ވަރުގަދަ ޓީމުކަމަށް ބުނެފައެވެ. ކަން މިހެން އޮތްއިރު، އެފަދަ ޓީމަކާ ދެކޮޅަށް ކުޅުން އެއީ، ޓީމު ކުރިއަރައި، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން މި ފުރުސަތު ލިބުމުން އުފާވާ ކަމަށާއި މީގެ ބޭނުން ފުރިހަމަގޮތުގައި ހިފާނެކަމަށް ގާޑިއޯލާ ބުންޏެވެ.

ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ މާޗު މަހުގެ 10 އަދި 11 ގައެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗު 17 އާއި 18 ގައެވެ. ގަދަ 16 ގައި ރެއާލްއާއި މެންޗަސްޓަރ ސިޓީ ކުރިމަތިލާން ޖެހޭއިރު، މިއީ ފާއިތުވީ 10 އަހަރުގެ ތެރޭގައި މި ދެ ޓީމު، މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި ވާދަކުރާނެ ހަވަނަ ފަހަރެވެ.

މި ދެ ޓީމުން 2015/2016 ވަނަ ސީޒަނުގެ ސެމީ ފައިނަލުގައި ވާދަކުރިއިރު އެ ފަހަރު އެގްރިގޭޓުން ކުރިހޯދީ ރެއާލް އެވެ. އެފަހުން 2019/2020 ވަނަ ސީޒަނުގެ ގަދަ 16 ގައި މި ދެ ޓީމު ވާދަކުރިއިރު 2-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދީ ސިޓީއެވެ.

މީގެއިތުރުން، 2021/2022 ވަނަ ސީޒަނުގެ ސެމީ ފައިނަލުގައި ވެސް މި ދެ ޓީޟު ވާދަކުރިއިރު، އެފަހަރު 5-6 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދީ ރެއާލް މެޑްރިޑެވެ. އެއަށްފަހު 2022/2023 ވަނަ ސީޒަނުގައި ވެސް ސެމީ ފައިނަލުގައި މި ދެ ޓީމު ވާދަކުރަން ޖެހުނުއިރު އެފަހަރު، 1-5 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދީ ސިޓީއެވެ.

އެންމެފަހުން މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި ވދަކުރީ 2023/2024 ވަނަ ސީޒަނުގެ ކުއާޓަރ ފައިނަލުގައެވެ. އެ ފަހަރު ދެ ލެގު ނިމުނުއިރު 4-4 ގެ އެގްރިގޭޓަކުން ދެ ޓީމު އެއްވަރުވިއިރު، ރެއާލް އިން ވަނީ ޕެނަލްޓީ ޖަހައިން ފައިނަލަށް ދަތުރުކޮށްފައެވެ.

މި ދެ ޓީމަކީ ބައިނަލްއަގްވާމީ ކުލަބު ފުޓުބޯޅައިގެ އެންމެ ބޮޑު ދެ ވާދަވެރިންނަށް މިހާރު ވެފައިވާއިރު، މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ވެސް ދެ ޓީމުގެ ކުޅުންތެރިން ވަނީ، ގަދަ 16 ގައި މި ދެ ޓީމު ކުރިމަތިލާން ބޭނުންވާކަމަށް ބުނެފައެވެ.