ޚަބަރު

ހަނގުރާމައާ ގުޅިގެން ޢުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި


  • 20 އުމްރާ ކުންފުނިން 1,624 މީހުން އުމްރާއަށް ދާނެ

  • ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 530 މީހުން އުމްރާއަށް ގޮސްފަވޭ

  • މައްކާގައި ތިބި އުމްރާވެރިންގެ ހާލަތު ދަނީ ގާތުން ބަލަމުން

މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި އުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ރަމަޟާން މަހު 20 އުމްރާ ކުންފުންޏެއްގެ ޙަވާލުގައި 1,624 މީހުން އުމްރާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 530 މީހުން އުމްރާއަށް ވަނީ ގޮސްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އުމްރާގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް ގޮސް އުޅޭ ފަރާތްތަކުންނާއި، ދަތުރު ކުރުމަށް ތައްޔާރުވަމުންދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޚާއްޞަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ ވުޒާރާއިން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރުތަކަށް ގުޅުމަށް ވަނީ އެދިލައްވާފައެވެ. އެނަންބަރު ތަކަކީ، +966506894477 އަދި +966530838329 އެވެ.

މީގެ އިތުރުން، އުމްރާވެރިންނަށް ބޭނުންވާ މައުލޫމާތު ދިނުމަށް އެ ވުޒާރާގައި ޚާއްޞަ ހޮޓްލައިން ނަންބަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ނަންބަރު ޤާއިމުވުމުން އާންމުކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، އުމްރާ ދަތުރުތަކާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށާއި، ސަޢުދީ ސަރުކާރުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން މިވަގުތު މައްކާގައި ތިބި އުމްރާވެރިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެެވެ.