މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ މަޝްރަހު ވަނީ ހޫނުވެފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިކޮމިޓީގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުންކަމަށެވެ. މި ކޮމިޓީގައި 9 ވަޒީރަކު ތިއްބަވައެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު (ކޮމިޓީގެ ޗެއަރ)
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
މާލީ ވަޒީރު މޫސާ ޒަމީރު
އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މިއީ ބަރަކާތްތެރި ރަމަޟާންމަހަށް ވުމާއެކު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވާނީ މި ދަނޑިވަޅުގައި ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއިން ހުސްނުވެ ލިބޭނެތޯ އުފެދޭ ސުވާލެވެ. މިކަމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަރކޮށް ބަލަމުންދާ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށާއި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ، ދަތިތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށްޓަކައި، ބޭނުންވާނެ އެހެނިހެން އަލްޓަރނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ސަރުކާރުން ދެއްވައެވެ.
އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހާލަތަށް އަތުވެދާނެ ބަދަލުތައްވެސް ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ، މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް، ކަމަށްވުމާއެކު ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯއާއި ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ، އަސަރުތައް ވަރަށް ބޮޑަށް ދިރާސާކުރަމުން އަންނަކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން، ދެމެހެއްޓުމަށާއި އާންމު، ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ، ބަދަލުތައް ހާލަތާ އެކަށީގެންވާ، ގޮތެއްގައި، ގެނައުމަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭ އިން އެންމެ، ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް، ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރިން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން ބޭރު ދުނިޔެއިން ކުރިމަތިވާ އިޤްތިޞާދީ، ލޮޅުންތަކުން، އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި އިޤްތިޞާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންގެ ހާލު ބަލައި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއްވެސް ސަރުކާރުން އަންނަނީ ހަމަޖައްސަވައިދެއްވަމުންނެވެ. އެގޮތުން އެއަރޕޯޓްގައި ތިބެން ބޭނުންވާ ފަތުރުވެރިންނަށްވެސް އެތަނުގައި ފަސޭހަކަމާއިއެކު ތިބެވޭނެ އިންތިޒާމްތައް އެމްއޭސީއެލްއާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ ގުޅިގެން ވަނީ ހަމަޖައްސާދީފައެވެ.
މިދަނޑިވަޅުގައި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުންހިފަހައްޓައި، އިޤްތިޞާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ، ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.