ޚަބަރު

ވެސްޓް ހޭމް އަތުން ލިވަޕޫލް އަށް ބޮޑު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.

ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު މިއީ މި ސީޒަނުގައި އެ ޓީމުން ޕްރިމިއާ ލީގުގެ މެޗެއްގައި ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފަސްވަނަ މިނިޓުގައި ލިވަޕޫޕްގެ ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 19 މިނިޓު ފަހުން ކެޕްޓަން ވާޖިލް ވެންޑައިކް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ލިވަޕޫލް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު މެޗުގެ 43 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސިސް މެކަލިސްޓާ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޗެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކޮންމްވެސް ވަރެއްގެ އުންމީދެއް ގެނެސްދީފަ އެވެ.

ލިވަޕޫލްގެ ކޯޑީ ގެކްޕޯ މެޗުގެ 70 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖެހި ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ވެސްޓް ހޭމްގެ ޓެޓީ ކަސްޓެޔަނޯސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ވެސްޓް ހޭމްގެ އެލެކްސް ޑިސާސީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި ނަތީޖާ އާއިއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ވެސްޓް ހޭމް އަށް ލިބިފައިވާ 25 ޕޮއިންޓާއެކު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައި 18 ވަނައިގަ އެވެ.